މީސްމީޑިއާގެ މަންސަހުން، ތަފާތު، ރީތި ސައިކަލްތަކެއް ފެންނަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެންމެ ފަހުން ލޮލުގައި އަޅައިގަތީ މަޑުދަނބު ކުލައިގެ ސްކޫޕީއެކެވެ. ދަނބު ކުލައިގެ ސްކޫޕީއެއް މީގެ ކުރިން ފެނިފައިނުވާތީ، ވާނުވާ ބަލައިލަން ކުޑަ ދިރާސާއެއް ކޮއްލީމެވެ. އެ ސައިކަލް ޕޯސްޓް ކޮއްފައިވާ ''އަދޭ ގަރާޖް'' ގެ ނަމުގައި އޮތް ފޭސްބުކް ޕޭޖް ބަލައިލެވުނީ ޝައުޤުވެރިކަމާއެކުއެވެ. އެއާއެކު ފެނިގެން ދިޔައީ، ދުވަހަކު ވެސް ނުދެކޭފަދަ ރީތި ސައިކަލްތަކެކެވެ. މާލޭގެ ފިހާރަތަކުން އެ ފަދަަ ރީތި، ކުލަކުލައިގެ ސައިކަލްތަކެއް ނުދެކެމެވެ. އެހާ ފުރިހަމަ މަންޒަރުތަކެއް ކުރަހައި، ޕޮލިޝް ކޮއްފައި ހުރި ސައިކަލްތަކެއް ވެސް ގައިމު ނުދެކެމެވެ.
އެންމެ ފަހުން އެނގިގެން ދިޔައީ، ރީތި ސައިކަލްތަކާއި، ކުރެހުންތަކުގެ ފަހަތުގައިވަނީ ބޮޑުތިލަދުންމަތީގެ ޒުވާން ހުނަރުވެރިއެއްކަމެވެ.
ހދ.މަކުނުދޫ އެތުމާ، އަޙްމަދު އަދުހަމް (އަދޭ) އަކީ ކުޑައިރުއްސުރެ، އޮޓޯމޯޓިވް (ސައިކަލާއި ކާރު ފަދަ އުޅަނދު މަރާމާތު ކުރުން) މަސައްކަތްތަކަށް ޝައުޤުވެރިކަން ހުންނަ ޒުވާނެކެވެ. 2017 ވަނަ އަހަރު، އަމިއްލަ ގަރާޖެއް ހަދައި، ރިޕެއަރިން މަސައްކަތްތައް އެ ތަނުގައި އޭނާ ކުރަމުން ގެންދިޔައެވެ.
އަދޭ ސައިކަލެއްގައި، އޭނާގެ ހުނަރުވެރިކަންމުޅި ރާއްޖެއަށް ދަނީ ފެންނަމުން
އަދޭއަކީ ހޮބީއެއްގެ ގޮތުގައި ކުރެހުމުގެ މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. ސައިކަލެއް މަރާމާތުކޮށް ހަދާއިރު، އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ އަބަދުވެސް ކޮންމެވެސް އައު އީޖާދެއްކުރާނެ ގޮތެކެވެ. އެންމެފަހުން އަދޭގެ ވިސްނުމަށް އައީ އޭނާގެ ހޮބީއާއި އޮޓޯމޯޓިވް މަސައްކަތް އެއްކޮއްލުމުގެ ތަނަވަސް ޚިޔާލެވެ.
އެހެންކަމުން "އަދޭ ގަރާޖު'' އިން ދެމުން އައި ޚިދުމަތް 2019 ވަނަ އަހަރުން ފެށިގެން، ޕެއިންޓް އެންޑް ބޮޑީ ވޯކްސްއަށް ޚާއްސަވެގެން ދިޔައެވެ.
އަދޭގެ ފުރިހަމަ މަސައްކަތެއް، ފޮޓޯ: އަދޭ
"ވަރަށް ގިނަ މީހުން ބުނޭ، މަކުނުދޫއިން ވަރަށް ގިނަ، ތަފާތު ކުލަކުލައިގެ، އާންމުކޮށް ނުފެންނަ ޒާތުގެ ސައިކަލްތައް ފެނެޔޭ! މަކުނުދޫ ފަދައިން، ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރު އަޅުގަނޑުގެ މަސައްކަތް ފެންނާނެ. " އަދޭ ބުންޏެވެ.
އަދޭގެ ފިހިން ކުލަޖައްސައި، ޖަރީ ކުރަމުން ދަނީ ހަމައެކަނި މަކުނުދޫގެ ސައިކަލްތަކެއް ނޫނެވެ. އޭގެއިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދުއްވަމުންދާ ސައިކަލްތަކުން، އަދޭގެ ހުނަރު ފެނިގެންދާނެއެވެ. ތަފާތު އެކި ކުލަތަކުންނާއި، އެކި ވައްތަރުގެ ޑިޒައިންތަކުން ސައިކަލްތައް ފަރުމާ ކުރުމުގައި މުޅި ރާއްޖޭގެ މަޤްބޫލުކަން އޭނާ އަންނަނީ ހޯދަމުންނެވެ.
އަދޭ މަސައްކަތުގައި
"ރާއްޖޭގެ އެކި ހިސާބުތަކުން، މި ރަށަށް ސައިކަލް ގެނެސްގެން ވެސް މަސައްކަތް ކުރަމުން މި ދަނީ. އަދި ކަސްޓަމަރުން އެދޭ ގޮތަށް، ރަށްރަށަށް ގޮސްގެން ވެސް އެ މީހުންގެ ކުރިމަތީގައި އަޅުގަނޑު މަސައްކަތް ކޮއްފައިވާނެ." އަދޭ ކިޔައިދިނެވެ.
ކާރެއްގައި އެއަރ ބްރަޝް އާރޓް ވޯކެއް ކުރުމުގެ ހުވަފެން ދެކެމުންދާ އަދޭއަށް ކުރެވުނު، އެންމެ ތަފާތު، އަދި އެންމެ ބުރަ މަސައްކަތަކީ، އަދޭ ބުނާ ގޮތުންނަމަ ސައިކަލެއްގެ "ލުކްސް" މުޅިން ބަދަލު ކޮއްލުމެވެ. ކުރީގެ "ހޮންޑާ ވޭވް 110" ގެ ސިފަ މުޅިން އައު ސައިކަލަކަށް ބަދަލު ކޮއްލުމަށް، އެކުވެރިންގެ އެހީތެރިކަމާއެކު އަދޭ ވަނީ އެކަމަށް ލައްކަ މަސައްކަތް ކޮއްފައެވެ. އެ ގޮތުން، ކަސްޓަމް ޑިޒައިނަކަށް، ފައިބަގްލާސްއިން މޮޑެލްއެއް ތައްޔާރުކޮށް، ބިލްޑްކޮށް، އެ ސައިކަލަށް އޭނާ ވަނީ މުޅިން އައު ސިފައެއް ގެނެސްދީފައެވެ.
އަދޭގެ ފުރިހަމަ މަސައްކަތެއް، ފޮޓޯ: އަދޭ
އޭގެއިތުރުން އެންމެ ގިނަ ވަގުތު އޭނާ ހުސްކޮއްފައިވަނީ، ސުޒުކީ ޖީއެން ސައިކަލެއްގައި އެއަރ ބްރަޝް އަކުން ސިންގާއެއްގެ ތަސްވީރު ކުރަހައި ޒީނަތްތެރި ކުރުމަށްޓަކައެވެ.
އެއަރބްލޭޑް އަދި ސްކޫޕީ ފަދަ ސައިކަލްތަކުގައި ޕްލެއިން ޕެއިންޓެއް، ހަތަރެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި ނިންމައި، ވެރިފަރާތާ ޙަވާލު ކުރާ ކަމަށް އަދޭ ބުންޏެވެ.
މި މަސައްކަތްތައް ކުރުމުގައި އޭނާއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރެވެ. މަކުނުދޫއަކީ އެހެން ރަށްރަށާ އެކަހެރިކޮށް އޮންނަ ރަށަކަށްވުމާއެކު، މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ގެނައުމާއި، ރަށްރަށުން ސައިކަލް ގެނެސް، ގެންދިޔުމުގައި ދަތުރުފަތުރު ކުރަން އުނދަގޫވުމަކީ ބައެއް ފަހަރު މަސައްކަތްތައް ލަސްވެގެންދާ ކަމެއްކަމުގައި އަދޭ ފާހަގަ ކުރިއެވެ.
އަދޭގެ ފުރިހަމަ މަސައްކަތެއް، ފޮޓޯ: އަދޭ
ދިހަވަރަކަށް އަހަރުދުވަހުގެ މި ތަޖުރިބާގެ ދަތުރުގައި އޭނާ އެންމެ އުފާވަނީ، ކުރާ މަސައްކަތް ނިންމައި ކަސްޓަމަރާ ޙަވާލު ކުރެވޭ ވަގުތެވެ. އޭނާގެ މަސައްކަތާމެދު، ހިތްހަމަޖެހިފައިވާ ކަސްޓަމަރގެ މޫނު ފެނުމުން ވެސް އޭނާއަށް ފުދެއެވެ. ކަސްޓަމަރުންގެ ފަރާތުން ލިބޭ ފީޑް ބެކްސްއަކީ އަދޭއަށް މަސައްކަތުގައި ދެމި ހުރުމަށް ލިބޭ ނުހަނު ބޮޑު ބާރެކެވެ.
މިއަދު އަދޭއަށް ލިިބިފައިވާ އެންމެ ބޮޑު އުފަލަކީ އަމިއްލަ ވަޒަނުގައި ހުރެގެން އާއިލާއަށް ވަގުތު ދެމުން، އޭނާ އެންމެ ޝައުޤުވެރިވާ މަސައްކަތުގައި ދެމި ހުރެވޭތީއެވެ. މިކަން އޭނާ ފާހަގަ ކުރަނީ މާތްﷲޞުބްޙާނަހޫވަތަޢާލާއަށް ޙަމްދު ކުރާ ޙާލުގައެވެ.
އަދޭގެ ފިހިން ޖަރީކޮށްލާފައިވާ ސައިކަލެއް، ފޮޓޯ: އަދޭ
އޭގެ އިތުރުން އޭނާގެ މި މަސައްކަތުގެ މާކެޓިންގައި، ލޯބިވާ ރައްޓެހިންނާއި، އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުން ޝުކުރުވެރިކަމާއެކު އޭނާ ފާހަގަ ކުރެއެވެ.
ކުރިއަށް އޮތްތާ، މިއަށްވުރެ، ފުޅާކޮށް، ފުރިހަމަ ވަޞީލަތްތަކާއެކު މި މަސައްކަތް ކުރިޔަށް ގެންދިޔުމަކީ އަދޭގެ އެންމެ ބޮޑު އުއްމީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!