ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް މުސާރަ ދޭންޖެހޭނީ ބޭންކް އެކައުންޓަކަށް ކަމަށް ލާޒިމްކޮށް، "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު" ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިސްލާހުކޮށްފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ގަވާއިދަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، ބިދޭސީންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. މިއީ އެ ގަވާއިދުގެ 58 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް ގެނެސްފައިވާ ބަދަލެކެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ ގަވާއިދު ޝާއިއުކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ފަހުންނެވެ. އެހެންކަމުން، ގަވާއިދު އާންމުކުރާތާ އެއް މަސްދުވަސް ފަހުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީ މުވައްޒަފުންގެ މުސާރަ އެމްއެމްއޭ އިން ހުއްދަދީފައިވާ ބޭންކު އެކައުންޓްތަކަށް ޖަމާކުރުން ވަޒީފާދޭ ފަރާތްތަކުގެ މައްޗަށް ލާޒިމްވެގެންދާނެއެވެ.
ދާޚިލީ ވުޒާރާއިން ބުނި ގޮތުގައި، ބޭންކް އެކައުންޓަށް މުސާރަ ޖަމާކުރުން އަލުން ލާޒިމުކުރީ ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތައި، އެ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ނިންމުމަށް ފަހުގައެވެ.
"މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ 98 އިންސައްތަ މައުލޫމާތު ވަނީ އެއްކުރެވިފައި،" މި މަސައްކަތާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން މީގެކުރިން ވިދާޅުވެފަވެއެވެ.
މީގެ އިތުރުން، ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ބައެއް މީހުންނަށް ޑޮލަރުން އަދި އަނެއްބައި މީހުންނަށް ދިވެހި ރުފިޔާއިން މުސާރަ ލިބޭއިރު، ލިބޭ ޑޮލަރު ކަޅު ބާޒާރުގައި ވިއްކުމާއި، ރުފިޔާއިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.
ބިދޭސީންގެ މުސާރައާއި އިނާޔަތްތައް އެ މީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް ޖަމާކުރުން މީގެ ކުރިން ވެސް ގާނޫނުން ލާޒިމްކުރިއެވެ. ވަޒީފާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން، އެކައުންޓަށް މުސާރަ ޖަމާނުކުރާ ވަޒީފާދޭ ފަރާތްތައް 10,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތެވެ. އޭރު އެގޮތަށް ލާޒިމްކުރީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތިން އިންސައްތަ ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް ނެގުމަށެވެ.
ނަމަވެސް، ސައްހަ ލިޔެކިޔުން ނެތް ބިދޭސީން ގިނަވެ، އެ މީހުންނަށް ބޭންކު އެކައުންޓު ނުހުޅުވޭ މައްސަލަ ދިމާވުމުން، 28 ޑިސެމްބަރު 2017 ގައި ވަޒީފާދޭ ފަރާތްތައް ޖޫރިމަނާކުރުން ވަނީ މަޑުޖައްސާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!