މާލޭގެ މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައި އިން އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 22 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރުއެވެ.

Ad
rt

މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުމުގައި އެތަނުގައި އިން އަންހެނަކަށް ފިރިހެނަކު ވަނީ ހަމަލާދީފައިކަމަށް ފުލުހުން ބުންޏެވެ. އަދި މި ހަމަނުޖެހުން ހުއްޓުވަން މަސައްކަތްކުރި ބަޔަކަށްވެސް ހަމަލާދީ، ރެސްޓޯރެންޓްގެ ދޮރަށް ވަނީ ގެއްލުންދީފައެވެ.

މީގެ އިތުރުން މި މާރާމާރީގައި އެ ރެސްޓޯރެންޓުގެ އަންހެން މުވައްޒަފެއްގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން، އެ މުވައްޒަފުގެ ބޯ ދުޅަވެ އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.