"އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ބުރުގެ ފައިނަލްގައި ރާއްޖޭގެ މިވަގުތުގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ފުޓްބޯޅާގައި ހދ.އަތޮޅުގެ ކާމިޔާބު ރަށެއްކަމަށްވާ ހަނިމާދޫ ކުރިމަތިލާނެއެވެ.
މި ބުރުގެ ފައިނަލަށް ނައިވާދޫ ދަތުރުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅު ސެމީ އަށް ދަތުރުކޮށް ސެމީގައި 5-0 އިން ނޮޅިވަރަންފަރު ބަލިކޮށްގެންނެވެ. ހަނިމާދޫ ފައިނަލަށް ދަތުރުކުރީ އެއް މެޗުން މޮޅު ސެމީގައި ނޭކުރެންދޫގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.
މި ފައިނަލް ފަށާނީ މިރޭ 20:30 ގައެވެ.
ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅޭ މި މެޗު ވެސް ނޮޅިވަރަންފަރު ކައުންސިލްގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް ދުރަށް ދައްކާނެއެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ކިންގަކަށް ހޮވުނު އެ މުބާރާތުގެ ނައިވާދޫގެ ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓޭ) އާއި ކީޕަރު ނާޖިހް އާއި އެ މުބާރާތުގައި ފެނުނު ގިނަ ތަރިން މިރޭގެ ފައިނަލްގައި ނައިވާދޫ އަށް ކުޅޭނެއެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި ޖެހިޖެހިގެން ދެ އަހަރުކުޅުމަށްފަހު ނައިވާދޫ ވަނީ މިއަހަރުގެ މި މުބާރާތުގެ ތަށި އުފުލާލައި ރާއްޖޭގެ ފުޓްސަލްގެ އެންމެ އުހަށް ދަތުރުކޮށްފައެވެ.
ނައިވާދޫ ވަނީ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ.
ނައިވާދޫ ވަނީ އެ މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.
މިއީ އެފްއޭއެމުން އަތޮޅުތަކުގެ މެދުގައި ރަސްމީ ފުޓްސަލް މުބާރާތެއްކުޅޭ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!