ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026" މި މަހު ފަށާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ އެކަޑަމީއިން ބުނެފިއެވެ.
ރަމްޒު ސްޕޯޓްސް އެކަޑަމީގެ ރައީސް ޢަލީ ރަމްޒީ "ތިލަދުން" އަށް ވިދާޅުވީ ހޭންޑްބޯލް އާއި ފުޓްބޯލްއަށް އަމާޒުކޮއްގެން ބާއްވާ މި ފިއެސްޓާގައިި ޖުމްލަ ފަސް މުބާރާތެއް ކުރިއަށް ދާނެކަމަށެވެ.
4 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ފަސް ބެޗަކަށް ބަހާލައިގެން ކުރިއަށް ދާ މި ފިއެސްޓާ ބޭއްވުމަށް ހަމަޖެހިފައިވަނީ 31 އޯގަސްޓް 2026 އިން ފެށިގެން ހަފްތާއަކަށް ކަމަށް ވެސް ރަމްޒީ ވިދާޅުވިއެވެ.
މީގެއިތުރުން ކޮންމެ ބެޗަކުން ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް އަދި ތިންވަނަ ޓީމް ހޮވައި، ޓްރޮފީއާއި މެޑަލް ދިނުމަށް ހަމަޖެހިފައިވާކަމަށް އެކަޑަމީން މަޢުލޫމާތު ދިނެވެ.
މި މުބާރާތުގެ އެންމެ ޚާއްސަ މަޤާމެއްގެ ގޮތުން މުޅި މުބާރާތުގެ ހޭންޑްބޯލް ކުއީން އާއި ފުޓްސަލް ކިންގް ހޮވައި އެ ފަރާތްތަކަށް ޚާއްޞަ ޝީލްޑެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
ރަމްޒު ސްޕޯޓްސް އެކަޑަމީއަކީ ރަށު ފެންވަރުގައި ނަރުދޫގައި އުފެދިފައި އޮތް ހަމައެކަނި ކުޅިވަރު ޖަމްޢިއްޔާއެވެ.
މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ ރަަށުގައި އިތުރު ކުޅިވަރުތައް ތަޢާރަފް ކުރުމާއި، ކުޅިވަރު ކުރިއެރުވުމާއި އެކަޑަމީގެ ކުދިންގެ ކިބައިގައި ރިވެތި އަޚްލާޤް ހަރުލައްވައި، އެކުވެރި، ބަދަހި ވެއްޓެއް އެ ރަށުގައި ޤާއިމް ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!