ސިނާމާލެ ބްރިޖުން ހުޅުމާލެއަށް އަރާ ސަރަހައްދުގެ ސޯލާ ޕެނަލްތަކުގެ ހޮޅިދަނޑިތަކުގައި ލެމްބޯގިނީ ކާރެއް ޖެހި ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި ޙަސަން ރިފާޢުގެ ޑްރައިވިންގ ލައިސަންސް ހިފަހައްޓައި، އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ މި ކާރު ކޮންޓްރޯލްނުވެ ގޮސް، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 08:42 ހާއިރުއެވެ. މި ހާދިސާގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލައިފައެވެ.

Ad
rt

މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ތިބީ ޕިކްނިކް / ބ.ކަމަދޫ، ޙަސަން ރިފާޢު (40އ) އަދި 13 އަހަރުގެ ކުޑަކުއްޖެއްކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ހަމަ އެދުވަހު ވަނީ ދޫކޮށްލާފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު ކާރުގެ ބައިތައް މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.