ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ކާމިޔާބުކަމާއެކު ލޯންޗުކޮށް، ދެ ރަށް އެއްގަމު މަގުން ގުޅާލައިފިއެވެ.
މިއީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައިދޭ ފަހު ސެގްމަންޓު ގުޅާލުމާއެކު، ބްރިޖުގެ މި ބައިގެ މައި އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ފުރިހަމަވެފައެވެ. ދެން ކުރިއަށްދާނީ ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، ލައިޓް ހަރުކުރުން ފަދަ ފިނިޝިންގ މަސައްކަތްތަކެވެ. ބުރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ މި ފިނިޝިން މަސައްކަތްތައް އެއްކޮށް ނިމުމުން ކަމަށް އެފްކޮންސްއިން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢު އަވަސްކުރުމަށްޓަކައި، މި ސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ފެށި މަސައްކަތްތަކުގެ ތެރޭގައި އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވާއިރު. ސަރުކާރުގެ މިހާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ބްރިޖުގެ މަސައްކަތްތައް އެއްކޮށް ނިންމުމެވެ.
ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލެވޭނެއެވެ. މި ރަށްތައް ހުރަސްކުރާނީ ހައިވޭތަކުން ކަމަށްވާއިރު، މިހާރު ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމާއި، ތިލަފުށީގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މުޅި މި ބިޔަ މަޝްރޫޢަށް ގާތްގަނޑަކަށް 500 މިލިޔަން ޑޮލަރު (7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ) ހޭދަވާނެއެވެ. މި މަޝްރޫޢަކީ އިންޑިއާ ސަރުކާރުގެ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!