ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (އެމްއައިއެޗްޔޫޑީ) އިން ފަށައިފިއެވެ.

އެ މިނިސްޓްރީން ބުނީ ފޯމުތަކުގައިވާ މައުލޫމާތުތަކުގައި އެއްވެސް ފުށުއެރުމެއްވާ ނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެ ކަމަށެވެ.

Ad
rt

އެ މިނިސްޓްރީން ބުނި ގޮތުގައި، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު ބަލަމުންދަނީ ހުށަހަޅާފައިވާ މަޢުލޫމާތުތަކަށެވެ. އަދި އެ މިނިސްޓްރީއަށް ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގައި އެއްވެސް ފުށުއެރުމެއް ހުރިތޯ ވެސް މި މަރުހަލާގައި ޗެކް ކުރާނެއެވެ.

މިގޮތުން ފާހަގަކުރެވޭ ފުށުއެރުންތަކާ ގުޅިގެން ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މަޢުލޫމާތު ޞައްޙަ ނޫންކަމުގައިވާނަމަ، އެކަމުގެ ތަފްޞީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު އެޕްލިކަންޓަށް ލިބޭނެއެވެ. އެފަދަ ލިޔެކިޔުންތައް ހުށަހެޅުމަށް އެޕްލިކަންޓަށް ދެވޭނީ ކަލަންޑަރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން، ޕޯޓަލްގައި އެޕްލިކޭޝަންއާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސް.އެމް.އެސް (SMS) މެދުވެރިކޮށް ފޮނުވާނެއެވެ. މިއީ އެޕްލިކޭޝަނުގެ މަރުހަލާ ކުރިއަށްދާ ގޮތް ފަސޭހަކަމާއެކު ބަލައިލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސް އެމްއައިއެޗްޔޫޑީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައިވާ މުއްދަތަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް އެޕްލިކަންޓުގެ ފަރާތުން އެއްވެސް ޖަވާބެއް ހުށަނާޅައިފި ނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލޭނެ ކަމަށް ބުންޏެވެ.

އެޕްލިކޭޝަނާ ގުޅިގެން މިނިސްޓްރީން ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ހުށަހެޅުމުގައި ހަމައެކަނި ބޭނުންކުރަންވާނީ "ބޯހިޔާވަހިކަން" ޕޯޓަލް އެކަނި ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. މިނިސްޓްރީއަށް އީމެއިލް، ސިޓީ ނުވަތަ އެހެން އެއްވެސް ވަސީލަތެއްގެ ޒަރީޢާއިން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި އެއްވެސް ހާލެއްގައި ބަލައިނުގަންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.