އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައިނުގަންނާނެ ކަމަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕް ފެއްޓެވި އިގްތިސާދީ ކެމްޕޭނަށް އެއްބާރުލުން ނުދޭނެ ކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.

ޗައިނާއިން ވަނީ އެމެރިކާއިން އެއްފަރާތްފަރާތުން އަޅާ މިފަދަ ފިޔަވަޅުތަކާ އަބަދުވެސް ދެކޮޅު ހަދާކަން ތަކުރާރުކޮށްފައެވެ.

Ad
rt

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކާއި ޕްރެޝަރުތަކަކީ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ބެއިޖިންގ އިން ބަލައިގަންނާނީ ހަމައެކަނި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެކަނި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 'އިކޮނޮމިކް ޑީ-ޑޭ' ގެ ނަމުގައި އީރާނަށް މާލީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އެހީތެރިވާ ކޮންމެ ގައުމަކާ ނުވަތަ ބޭރުގެ އިދާރާއަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ބެއިޖިންގ އިން މި ކެމްޕޭނާ ގުޅުމަށް ސީދާ ގޮވާލައްވާފައެވެ.

ނަމަވެސް، ޗައިނާއިން ބުނަމުންދަނީ އީރާނާއެކު އޮންނަ އާންމު ވިޔަފާރީގެ ގުޅުންތަކަކީ، ހާއްސަކޮށް ސާފުނުކުރާ ތެޔޮ ގަތުމަކީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ހުއްދަ ކަމެއް ކަމަށެވެ. އަދި އެމެރިކާގެ ސެކަންޑަރީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށް ބަޔާންކޮށް، އިގްތިސާދީ ފިއްތުންތަކުގެ ބަދަލުގައި ޑިޕްލޮމެޓިކް މަޝްވަރާތަކަށް އިސްކަންދިނުމަށް ޗައިނާއިން ވަކާލާތު ކުރެއެވެ.