ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޮސް، މޮރޮކޯގެ ފުޓްބޯޅަ އެޖެންޓެއް ކަމަށްވާ ސުހައިލާ އެލް ތާހިރީއާ ކައިވެނިކުރުމަށްފަހު އިސްލާމްދީން ގަބޫލުކޮށްފައިވާ ކަމަށް ފެތުރެމުންދާ ޚަބަރުތައް އޭނާ ދޮގުކޮށްފިއެވެ.

ކާލޮސް ބުނީ އިސްލާމްދީނަށް އޭނާގެ ހިތުގައި ވަރަށް ބޮޑު އިޙްތިރާމެއް އޮންނަ ކަމަށާއި ނަމަވެސް ދީން ބަދަލުކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ޙަގީގަތެއް ނޫން ކަމަށެވެ.

Ad
rt

ތުރުކީގެ މީޑިއާތަކާއި ސޯޝަލް މީޑިއާގައި އޭނާގެ ދީނީ އަގީދާއާ ގުޅޭގޮތުން ވާހަކަތައް ފެތުރެން ފެށުމުން، ކާލޮސް މިކަން ސާފުކޮށްދިނީ ސައުދީ އަރަބިއްޔާގެ ނޫހެއް ކަމަށްވާ "އޮކާޒް" އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައެވެ.

"އަހަރެންގެ ހިތުގައި އިސްލާމްދީނަށް އޮތީ އިންތިހާ ދަރަޖައިގެ އިޙްތިރާމެއް. އަދި އަހަރެންގެ އަނބިމީހާ ނަމާދުކުރާ މަންޒަރު ފެނުމަކީ ވަރަށް އުފާވެރި ކަމެއް. އެކަމަކު އަހަރެން އިސްލާމްވި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ ތެދެއް ނޫން،"

އޮކާޒް ނޫހަށް މައުލޫމާތު ދެމުން ކާލޮސް ބުންޏެވެ.

ކާލޮސްގެ މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައި މިވަނީ، އުމުރުން 53 އަހަރުގެ ކާލޮސް މީގެ ހަތަރު ހަފުތާއެއްހާ ދުވަސް ކުރިން އިސްލާމްދީން ގަބޫލުކޮށް ޝަހާދަތުގެ ދެކަލިމަ ކިޔާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ. އެ ރިޕޯޓުތަކުގައިވާ ގޮތުން އޭނާ އިސްލާމްވީ ބްރެޒިލްގެ މުސްލިމް މުޖުތަމައުގެ އިސް ބޭފުޅެއް ކަމަށްވާ ޝެއިޚް ޖިހާދު ޙަމާދާއާ ބައްދަލުކުރުމަށްފަހުއެވެ. މި ވާހަކަތަކަށް ބާރު ލިބުނީ ތުރުކީގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ) ގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަލީ ޝާހިން، ބްރެޒިލްގެ މުސްލިމް މުޖުތަމައުގެ މަންދޫބުންނާ ބައްދަލުކުރައްވައި ކާލޮސް އިސްލާމްވި ޚަބަރު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވުމުންނެވެ.

ޝާހިން ވިދާޅުވި ގޮތުގައި، ކާލޮސް މީގެ ދުވަސްތަކެއް ކުރިން ޝެއިޚް ޖިހާދު ޙަމާދާއާ ގުޅުން ބާއްވަމުން ގޮސް، މީގެ ހަތަރު ހަފުތާ ކުރިން އޭނާގެ އަރިހަށް ޒިޔާރަތްކޮށް އިސްލާމްދީން ގަބޫލުކުރި ކަމަށް ޝެއިޚް ވިދާޅުވިއެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި ކާލޮސްގެ ކައިވެނީގެ ޙަފުލާއެއްގެ ތެރެއިން އިސްލާމީ އާދަކާދަތަކާ އެއްގޮތަށް ކުރިއަށްދިޔަ ކަންތައްތަކެއް ދައްކުވައިދޭ ފޮޓޯތަކެއް އާންމުވުމުން، އޭނާ އިސްލާމްވި ކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ސަމާލުކަމެއް ލިބުނެވެ.

ނަމަވެސް ކާލޮސް "އޮކާޒް" ނޫހަށް ކިޔައިދިން ގޮތުގައި، އޭނާއާއި އެލް ތާހިރީގެ ކައިވެނީގެ ޙަފުލާތައް ތަފާތު ގޮތްގޮތަށް ބޭއްވީ ދެ ފަރާތުގެ އާއިލާގެ ދީނީ އަގީދާތަކަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. އޭނާ ބުނި ގޮތުގައި ކެތްލިކް މަޒުހަބަށް ތަބާވާ އޭނާގެ އާއިލާގެ މެންބަރުންނަށް އިޙްތިރާމް ކުރުމުގެ ގޮތުން ޙަފުލާއެއް ބޭއްވިއިރު، އަނބިމީހާގެ އާއިލާއާއި އެމީހުންގެ މުސްލިމް ރައްޓެހިންނަށް ޚާއްސަކޮށްގެން އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންވެސް ޙަފުލާއެއް ބޭއްވިއެވެ.

ދެމީހުންގެ މެދުގައި އޮތް ގުޅުމާ ބެހޭގޮތުން ކާލޮސް ބުނީ، އެލް ތާހިރީއާ ފުރަތަމަ ދިމާވީ ފުޓްބޯޅައާ ގުޅުންހުރި ވިޔަފާރި ބައްދަލުވުމަކުން ކަމަށާއި، އަމިއްލަ ދިރިއުޅުމުގައްޔާއި މަސައްކަތުގެ މައިދާނުގައި އެކުގައި އުޅޭތާ މިހާރު ދެ އަހަރު ވެއްޖެ ކަމަށެވެ. އެލް ތާހިރީއަކީ ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ހުއްދަ އޮންނަ، ކުޅުންތެރިންގެ ކަންކަން ބަލަހައްޓާ ކާމިޔާބު ފުޓްބޯޅަ އެޖެންޓެކެވެ.

ރޮބާޓޯ ކާލޮސްއަކީ ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ލެފްޓް-ބެކް ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާގެ ކްލަބް ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ސްޕެއިންގެ ރެއާލް މެޑްރިޑްގައެވެ. މީގެ އިތުރުން، އޭނާއަކީ 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ކާލޮސްއަކީ 2007 އިން 2009 އަށް ތުރުކީގެ ފެނަރބާޗޭ ކްލަބަށް ކުޅެފައިވާ، ތުރުކީގެ ފުޓްބޯޅައާވެސް ގާތް ގުޅުމެއް އޮންނަ ކުޅުންތެރިއެކެވެ.