އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރައްވާފައިވާ، ކުރީގެ ޚާރިޖީ ވަޒީރު އަދި އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދަށް މާލެ އަދި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ދެ ރައީސުންގެ ތާއީދު ދީފިއެވެ.
ޝާހިދުގެ ކެމްޕޭން ޓީމުގައި އިސްކޮށް މަސައްކަތްކުރަށްވާ ބޭފުޅަކު ވިދާޅުވިގޮތުގައި، މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާ ޢާއިޝަތު ރީޝާ އަދި އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާ ފާތިމަތު ހިޖުރާ ވަނީ، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދަށް ތާއީދުކުރަށްވަން ނިންމަވާފައެވެ. އަދި ދެ ސިޓީގެ ޑަބްލިއުޑީސީގެ އިސް ވެރިންގެ އިތުރުން، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ ބައެއް ކައުންސިލަރުން ވެސް ވަނީ ޝާހިދަށް ތާއީދުކުރައްވަން ނިންމަވާފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވަނީ މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ކެމްޕޭން ރަސްމީކޮށް ފައްޓަވާފައެވެ.
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދުގެ އިތުރުން މިހާތަނަށް ރަސްމީކޮށް ޢިއުލާންކުރަށްވާފައި ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!