ހއ. އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ތާރީޚީ "ވާހަކަ ވައު" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިތަން ހުޅުއްވައިދެއްވީ ޤައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އުތީމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ރައީސް މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމު ޢަބްދުﷲ ގެ އިތުރުން ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނާއި ބޭރުގެ ޑިޕްލޮމެޓުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ރައީސް އުތީމު ''ވާހަކަ ވައު'' ހުޅުއްވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް
"ވާހަކަ ވައު" އަކީ ދިވެހި ތާރީޚީ ބިނާއެއް ކަމަށްވާ އުތީމު ކަނދުވަލު މިސްކިތާ އިންވެގެން އޮތް ޤުދުރަތީ ވަލުގެ ތެރޭގައި، ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަތައް ސިފަކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ޕާކެކެވެ. މި ޕާކުގައި ބޮޑުތަކުރުފާނުގެ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނަ ބޯޑުތަކެއް ހަރުކޮށްފައިވެއެވެ. އެހެންކަމުން މި ޕާކު ފަރުމާކޮށްފައި ވަނީ ތާރީޚީ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކުގެ އެހީގައި، ޒިޔާރަތްކުރާ ފަރާތްތަކަށް ތާރީޚުގެ ތެރެއަށް ހިނގާލެވޭ ފަދަ ތަޖުރިބާއެއް ލިބޭ ގޮތަށެވެ. މީގެ ތެރޭގައި 1558 ގައި މާލެ އިސްތިޢުމާރު ކުރި ހިސާބުން ފެށިގެން، ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، 1573 ގައި ލިބުނު ފަޚުރުވެރި ނަޞްރާ ހަމައަށް ވާހަކަތައް ގެނެސްދީފައިވެއެވެ.
ރައީސް އުތީމު ''ވާހަކަ ވައު'' ހުޅުއްވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް
ފަންނުވެރިކަމާއި، ޤުދުރަތީ ރީތިކަމާއި، ތާރީޚު އެއްތަނަކުން ފެންނާނެހެން ތައްޔާރުކޮށްފައިވާ ތަފާތު މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރަށްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދަމަހައްޓައި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ޤައުމީ ތާރީޚުގެ މުހިންމު މަރުކަޒަކަށް ހެދުމެވެ.
ރައީސް އުތީމަށް މިއަދުކުރަށްވާ ދަތުރުފުޅުގައި ވަނީ އުތީމު ބަނދަރުގައި ތަރައްގީކޮށްފައިވާ ''ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށީ'' ވެސް ހުޅުއްވައިދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!