މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރު އިހްސާނާއި، ސީޕީ މުހައްމަދު އަހްމަދު ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ ބައްދަލުކުރަށްވާފައި ވަނީ 12 އޯގަސްޓް 2026 ވަނަ ދުވަހު ސާޖަންޓް ނާފިޢުގެ އާއިލާ ދިރިއުޅޭ ގެއަށް ކުރެއްވި ޒިޔާރަތެއްގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އަލީ އިޙްސާން ދެއްކެވި ވާހަކާގައި ވަނީ ހާދިސާގެ ޚަބަރު ލިބުމާއެކު އެރޭ ދަންވަރުން ފެށިގެން އެމް.އެން.ޑީ އެފް އާއި ފުލުހުން ގުޅިގެން، ލިބެންހުރި ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ބައްދަލުވުމުގެ މަޢުލޫމާތު ރަސް ޑރ. މުޙައްމަދު މުޢިއްޒުއާ ޙިއްސާކުރައްވާފައިވާ ކަމަށާއި، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ހިތްވަރު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަޞީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓަރ އިތުރަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ސާޖަންޓް ނާފިޢު މަސައްކަތް ކުރެއްވީ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަތިވެރި ޢަޒުމުގައި ކަމަށެވެ. އަދި މި ޙާދިސާ ތަޙުޤީޤު ކުރުމަށް މާލެއިން ޚާއްޞަ ޓީމެއް ފޮނުވާފައިވާ ކަމާއި، އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮއްދިނުމުގެ ކަންތައްތައް ހިނގަމުންދާ ކަމަށެވެ. މިހާތަނަށް ކުރެވިފައިވާ މަސައްކަތް ޙިއްސާ ކުރައްވަމުން ކޮމިޝަނަރ އިތުރަށް ވިދާޅުވީ އެއްވެސް ކަމެއް ދޫކޮށް ނުލައްވާ، މި މަސައްކަތުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށެވެ.
ސާޖަންޓް ނާފިޢުގެ އާއިލާ ދިރިއުޅޭ ގެއަށް ޒިޔާރަތްކޮށް ބޭއްވި މި ބައްދަލުވުމުގައި، މިނިސްޓަރާއި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު އަދި ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ސާޖަންޓް ނާފިޢުގެ އަންހެނުންނާއި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައިވެއެވެ.
ގއ. ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން، 2026 އޮގަސްޓް 5 ވަނަ ދުވަހުގެ ރޭ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.
މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ ފަހުގެ މައުލޫމާތު ދެމުން އެމްއެންޑީއެފުން އިއްޔެ ބުނެފައި ވަނީ 2026 އޮގަސްޓް 5 ވަނަ ދުވަހުގެ ރޭ ގއ. ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށާއި، މި ދޯނި އަޑިއަށް ގޮސްފައިވަނީ 1600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ކަމަށެވެ. ގެއްލުނު މީހުން ހޯދުމަށްޓަކައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންދާއިރު، އިންފްރާރެޑް ސެންސަރުތައް ހަރުކޮށްފައިވާ ޔޫއޭވީ (ޑްރޯން) ބޭނުންކޮށްގެން ރޭގަނޑާއި ދުވާލު ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، އެމްއެންޑީއެފް އަދި ފުލުހުންގެ އެކި އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑުގެ ސަރަހައްދާއި، ގއ. އަތޮޅާއި ލ. އަތޮޅުގެ ފަރުތައް ވެސް ވަނީ ބަލާފައެވެ. އޮގަސްޓް 14 ވަނަ ދުވަހުގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 2790 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާ ނިންމާފައެވެ.
މިހާދިސާގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސާޖެންޓް އަލީ ނާފިއުގެ އިތުރުން ގެއްލިފައި ވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓް އިބްރާހިމް އަހުމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!