އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ (އިސްލާމިކް މިނިސްޓްރީ) އިން އިންތިޒާމުކޮށްގެން ބާއްވާ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026، ގިނަ އަދަދެއްގެ ޢިލްމުވެރިންނާއެކު ރޭ ފަށައިފިއެވެ.

މި ބައްދަލުވުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

Ad
rt

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، އިސްލާމިކް މިނިސްޓްރީގެ ތަފާތު މަސައްކަތްތަކުގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ލިބެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، ހުރިހާ ޢިލްމުވެރިންނަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ.

މިއަހަރު ބާއްވާ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ޖުމުލަ 101 ދީނީ ޢިލްމުވެރިން ބައިވެރިވެލައްވައެވެ. މީގެ އިތުރުން، އޮބްޒާވަރުންގެ ގޮތުގައި 22 ޒުވާން ޚަޠީބުންނާއި، 13 އިމާމުންގެ އިތުރުން އިސްލާމް މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރައްވާ 24 ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރޭ ފެށި މި ބައްދަލުވުން ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ. މިއަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.

މި ބައްދަލުވުން ކުރިއަށްދާ މުއްދަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަފާތު ދަންފަޅިތަކުގައި، ދީނީ ގޮތުން މުހިއްމު އެކި މަޢުޟޫއުތަކަށް ދީނީ ޢިލްމުވެރިންގެ މެދުގައި ބަޙުޘްތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން ތަފާތު ދާއިރާތަކުން ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވުޒާރާއިން ވަނީ ތާވަލުކުރައްވާފައެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު ދީނީ މަޢުޟޫޢުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް މަގުފަހިކޮށްދޭ މުހިއްމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ. ފަސް އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ މި އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ކާމިޔާބުކަމާއެކު ބާއްވާފައިވެއެވެ.