ހއ.ދިއްދޫ ކައުންސިލް އިދާރާގެ ލޯގޯ،ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކުރުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިއެވެ.

އެ ފުރުސަތު ހުޅުވާލައި ދިއްދޫ ކައުންސިލުން ކުރި ޢިއުލާނުގައި ވާގޮތުން މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މުބާރާތެއްގެ ސިފައިގައެވެ. މި މުބާރާތަށް ހުށަހެޅޭ ޑިޒައިންތަކުގެތެރެއިން އެއްވަނައަށް ހޮވޭ ޑިޒައިނަކަށް، ފައިސާގެ އިނާމުގެ ގޮތުގައި 15000.00 ރުފިޔާ ދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

Ad
rt

ދިއްދޫ ކައުންސިލުން ބުނާ ގޮތުގައި މި މުބާރާތުގެ މަޤްޞަދަކީ ހއ. ދިއްދޫ ކައުންސިލުން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ހަރަކާތްތަކާއި، އެކިއެކި ރަސްމިއްޔާތުތަކުގައްޔާއި ރަސްމީ ލިޔެކިޔުންތަކުގައި ބޭނުން ކުރުމަށް ހއ. ދިއްދޫ ކައުންސިލް އިދާރާ ރަމްޒު ކޮއްދޭނެ ލޯގޯއެއް ފަރުމާ ކުރުމެވެ. އަދި އެ ލޯގޯއާއި ގުޅުވައިގެން ރަސްމީ ކުލަ ކަނޑައަޅައި، ކައުންސިލްގެ ދިދަ ފަރުމާ ކުރުމާއި ކައުންސިލްގެ ހަރަކާތްތަކުގައި މުވައްޒަފުން ބޭނުން ކުރުމަށް ޓީޝާޓް ފަރުމަކީ ވެސް މި މުބާރާތުގެ އެއް ބޭނުން ކަމުގައި ކައުންސިލުން ބުނެއެވެ.

ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަކީ 23 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ޑިޒައިން ހުށަހަޅަން ޖެހޭނީ ދިއްދޫ ކައުންސިލްގެ އީމެއިލް info@hadhidhoo.gov.mv މެދުވެރިކޮށެވެ.

މި މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެ ކައުންސިލްގެ ނަންބަރު 6501074 ، 6501077 ، 6501088 އަށް ގުޅުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.

ވަނަ ދިނުމުގައި ޚާއްސަ މިންގަނޑުތަކަކާއި އުޞޫލުތަކެއްގެ އިތުރުން މާރކްސް ދޭނެ މިންގަނޑުތައް ވެސް ކައުންސިލުންވަނީ އާންމުކޮއްފައެވެ. އެ ގޮތުން ޑިޒައިންގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީއަށް 60 މާކްސް، އުފެއްދުންތެރި އަދި އަމިއްލަވަންތަ ކަމަށް 25 މާކްސް ދޭއިރު ކައުންސިލް ރަމްޒުކޮށްދިނުމަށް 10 މާކްސް ދޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން އާންމުގެ ވޯޓަށް 5 މާކްސް ދޭ ގޮތަށްވަނީ ކައުންސިލުން ނިންމާފައެވެ.