އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމަށް ބުނެ އިސްރާއީލުގެ އިންޓެލިޖެންސުން ދިން މައުލޫމާތަކީ އިތުބާރު ކުޑަ މައުލޫމާތެއްގެ ގޮތުގައި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ އެނަލިސްޓުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިސްރާއީލުގެ އިންޓެލިޖެންސުން އެމެރިކާގެ އޮފިޝަލުންނަށް އިންޒާރު ދީފައިވަނީ، ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓަށްފަހު ރައީސް ޓްރަމްޕް ފުރާވަޑައިގަންނަވަނިކޮށް، އެމަނިކުފާނު ދަތުރުކުރައްވާ އެއާ ފޯސް ވަން ބޯޓަށް ކޮނޑުގައި ބާއްވައިގެން ފޮނުވާލެވޭ މިސައިލަކުން ހަމަލާދީ އަވަހާރަކޮށްލަން އީރާނުން ރާވަމުންދާ ކަމަށެވެ. ނަމަވެސް، އެމެރިކާގެ އިންޓެލިޖެންސް އެނަލިސްޓުން ވަނީ މި މައުލޫމާތަކީ އެމެރިކާއިން ހޯދާފައިވާ މައުލޫމާތަކަށް ނުވެފައި، އިސްރާއީލުން ފޯރުކޮށްދީފައިވާ މައުލޫމާތަކަށްވާތީ އެއީ އިތުބާރު ކުޑަ މައުލޫމާތެއްގެ ގޮތުގައި ނިންމާފައެވެ.
ކުރީގެ އަދި މިހާރުގެ އިންޓެލިޖެންސް އޮފިޝަލުން ފާހަގަކުރި ގޮތުގައި، އިސްރާއީލުގެ މި ރިޕޯޓަކީ ހަގީގީ ނުރައްކަލެއް އެންގުމަށްވުރެ ބޮޑަށް، އެމެރިކާގެ ސިޔާސަތުތަކާއި ރައީސްގެ ނިންމެވުންތަކަށް ނުފޫޒު ފޯރުވުމުގެ މަގުސަދުގައި ދީފައިވާ މައުލޫމާތެއް ކަމަށް ބެލެވެއެވެ. ސީއައިއޭއިން މި މައުލޫމާތާމެދު ޝައްކުކުރި ނަމަވެސް، އެމެރިކާގެ ސީކްރެޓް ސާވިސްއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
އެގޮތުން، އަންކާރާ އެއާޕޯޓުގައި ސީކްރެޓް ސާވިސްއިން ވަނީ ސިއްރު އޮޕަރޭޝަނެއް ހިންގާފައެވެ. ރައީސް ޓްރަމްޕް ސިއްރިޔާތުގައި އެއާ ފޯސް ވަންއިން ބޭރުކުރީ ކޭޓަރިން ޓްރަކެއްގައެވެ. އަދި އެއަށްފަހު އެމަނިކުފާނު ސީ-32އޭ މަރުކާގެ މިލިޓަރީ ބޯޓަކަށް ބަދަލުކުރެވުނުއިރު، ނޫސްވެރިންނާއި ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ހިމެނިވަޑައިގަންނަވާ ގޮތަށް ސީނިއާ ސްޓާފުން ތިއްބެވި އެއާ ފޯސް ވަން ބޯޓު ބޭނުންކުރީ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމުގެ ވަސީލަތެއްގެ ގޮތުގައެވެ.
2020 ވަނަ އަހަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ބަދަލުހިފާނެ ކަމަށް ބުނެފައިވާތީ، އެމެރިކާގެ އެޖެންސީތަކުން ދަނީ ޓްރަމްޕަށް އޮތް އާންމު ނުރައްކާތައް މޮނީޓަރު ކުރަމުންނެވެ. ނަމަވެސް، އިސްރާއީލުން ދިން މި ވަކި ހަމަލާގެ މައުލޫމާތާމެދު ސީއައިއޭގެ އޮފިޝަލުން ވަނީ ބޮޑެތި ޝައްކުތަކެއް އުފައްދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!