ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ މުހައްމަދު ޝަނޫންގެ މަރުގެ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

މުންޑޫގައި 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެ ރަށު ނޫވިލު، ޒިޔަދަމަށް ހަމަލާދީ މަރާލި މައްސަލާގައި އެ ރަށު ހީނާވިލާ ޝަނޫނާއި އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުށް ސާބިތުވި އެވެ. އަދި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވުމުން ޝަނޫން މެރުމަށާއި އަދި އެކަމުގައި އެހީތެރިވުމުގެ ކުށް ސާބިތުވާތީ ސިފާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2023 ވަނަ އަހަރު ހުކުމްކުރި އެވެ.

Ad
rt

ޝަނޫން މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި ޒިޔަދަމަށް ވަޅިން ހަމަލާދީ މަރާލިކަން ޝަނޫންގެ މައްޗަށް ސާބިތުވާ ހެކި އެބަހުރި ކަމަށެވެ. އަދި ޒިޔަދަމްގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައި ވާއިރު، ޝަނޫންގެ ކިބައިން މަރަށް މަރު ނުހިފޭނެ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، ޝަނޫން މަރަން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އިބްރާހިމް މާހިރު އެވެ. އަދި އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.

އެ މައްސަލާގައި ސިފާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ވެސް ހައި ކޯޓުން ކުރިން އޮތީ ދަމަހައްޓައިފަ އެވެ.