ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕޮޒިޓިވް ޕޭރެންޓިން ސެޝަން" ގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ( ކޭ.އާރް.އެޗް ) އިން ހުޅުވާލައިފިއެވެ.

ޕޮޒިޓިވް ޕޭރެންޓިން ސެޝަންގައި ބައިވެރިވުމަށް ނަންނޯޓު ކުރުމަށް އެ ހޮސްޕިޓަލުގެ ނަމްބަރު 6528864 އަށް މިއަދުގެ 15:00 އިން ފެށިގެން ގުޅުއްވާ ނުވަތަ އެ ހޮސްޕިޓަލްގެ ވެބްސައިޓް www.krh.gov.mv ގެ ޕޭޝަންޓް ޕޯރޓަލް މެދުވެރިކޮށް ނަން ނޯޓުކުރެއްވުމަށް އެ ހޮސްޕިޓަލުންވަނީ އެދިފައެވެ.

Ad
rt

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 13 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހު ކައުންސިލް ހޯލްގައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގަޑިތައް:

14:00 އިން 17:00 އަށް

20:15 އިން 22:30 އަށް

އެ ހޮސްޕިޓަލުން ހާމަ ކުރި ގޮތުގައި، ޕޮޒިޓިވް ޕޭރަންޓިން ސެޝަންގެ ތެރޭގައި ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް އަލިއަޅުވާލައި، ކުދިން ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ބަޔަކަށް ވުމުގެ އިތުރުން ސަމާލުކަން ދޭންޖެހޭ ކަންކަމާމެދު މަޢުލޫމާތު ދޭނެއެވެ.

މީގެ އިތުރުން ޝީއާއި ކޭއާރުއެޗު ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.