މިއަހަރުގެ އޯގަސްޓް 06 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައި، އާމްދަނީ 9.3 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 24.2 ބިލިއަން ރުފިޔާއެވެ.

Ad
rt

އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް، ނުވަތަ 10.1 އިންސައްތައިން އިތުރުވެފައެވެ. މީގެ ތެރެއިން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީ.ޖީ.އެސް.ޓީގެ ގޮތުގައި 10.4 އިންސައްތައިގެ ކުރިއެރުމަކާއެކު 3.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ޓީ.ޖީ.އެސް.ޓީގެ ހިއްސާއަކީ 7.1 ބިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން، އިމްޕޯޓް ޑިއުޓީން 2.0 ބިލިއަން ރުފިޔާ، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ، އަދި ގްރީން ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއާޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ހިލޭ އެހީގެ ގޮތުގައި 454.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 221.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރު މިންވަރެކެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، ސަރުކާރުން ދަނީ ދަރަނި ދެއްކުމުގެ އިލްތިޒާމްތައް އަދާކުރަމުންނެވެ. އެގޮތުން 06 އޯގަސްޓް 2026 ގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 146.0 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާއެވެ.

ރިކަރަންޓް ޚަރަދު ވަނީ 20.2 އިންސައްތަ އިތުރުވެ، 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ، އިދާރީ ޚަރަދުތަކަށް 14.4 ބިލިއަން ރުފިޔާ، އަދި އެހީއާއި ސަބްސިޑީގެ ގޮތުގައި 7.8 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. ސަބްސިޑީއަށް 3.2 ބިލިއަން ރުފިޔާ އަދި އާސަންދައަށް 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.

ކެޕިޓަލް ޚަރަދު 7.0 އިންސައްތަ އިތުރުވެ 3.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތްތަކަށް 1.1 ބިލިއަން ރުފިޔާ، ފާލަމާއި ބަނދަރުތަކަށް 261.0 މިލިއަން ރުފިޔާ، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް 791.2 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. މިއާއެކު، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާއިރު، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.