ށ.މާއުނގޫދޫ ކައުންސިލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ އެ ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ފަންނީ ފެންވަރު މަތިކުރުމުގެ ގޮތުން، ރަށުގެ ޒުވާނުންނާއި ސްކޫލް ނިންމާ ކުދިންނަށް މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުމާއި ވަޒީފާގެ މާޙައުލަށް އަހުލުވެރި ކުރުވުން ކަމުގައި އެ ކައުންސިލުން ބުނެއެވެ.

Ad
rt

މާއުނގޫދޫ ކައުންސިލުން ބުނިގޮތުގައި މި އިންޓާންޝިޕް ޕްރޮގްރާމްގައި ތަފާތު އެކިއެކި ދާއިރާކުން އިންޓާނުން ތަމްރީނު ވެވިގެން ދާނެއެވެ.

ހަތަރު މަސްދުވަހަށް ހިންގާ، މި ޕްރޮގްރާމްގެ ބައިވެރިން މަސައްކަތް ކުރަން ޖެހޭނީ ދުވާލަކު ހަތަރު ގަޑިއިރެވެ. އަދި އޮފީހަށް ހާޟިރުވެ، ހަތަރު ގަޑިއިރު ފުރިހަމަ ކުރާ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ދިނުމަށް ކަނޑައަޅާފައިވެއެވެ.

އިންޓާންޝިޕް ފުރިހަމަ ކުރި ކަމުގެ ސެޓްފިކެޓާއި ލިޔުން އެ ކައުންސިލުން، މި އިންޓާންޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް ދިނުމަށްވަނީ ނިންމާފައެވެ.

މާއުނގޫދޫ ކައުންސިލުން ބުނި ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ޢުމުރުން 16 އަހަރާއި 20 އަހަރުގެ ފަރާތްތަކަށެވެ. އަދި ދިވެހި ރައްޔިތެއްކަމަށް ވުމާއެކު މާއުނގޫދޫގައި ދިރިއުޅޭ ފަރާތަކަށް ވާންޖެހެއެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިން މި ޕްރޮގްރާމުގައި ބައިވެރިވާނަމަ، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު މާއުނގޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި، އިންޓާންޝިޕް ފުރިހަމަ ކުރުމަށް ބޭނުންވާ ފަރާތްތަކުން 17 އޯގަސްޓް 2026 ވަނަ ދުވަހުގެ 13:00ގެ ކުރިން ފޯމު ހުށަހެޅުމަށް ކައުންސިލްގެ އިޢުލާނުގައި ބުނެއެވެ.