ހދ. ހިރިމަރަދޫ އާއި ގުޅޭ މައްސަލައެއް އިދިކޮޅު އެމްޑީޕީން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، އެ ކޮމިޓީން ހިރިމަރަދޫ ރައްޔިތުންގެ ހާލަތު ބެލުމަށްޓަކައި 'ފެކްޓް ފައިންޑިން' މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުން ފާހަގަވި ކަންކަމާއި ހޯދުންތައް މިހާރު އެޗްއާރްސީއެމާ ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހިރިމަރަދޫގެ އިދާރީ ކަންކަން ބެލެހެއްޓުން ހދ. ހަނިމާދޫ ކައުންސިލާ ހަވާލުކޮށްފައި އޮތް ނަމަވެސް، އަމަލީ ގޮތުން އެކަން އެންމެ އެދެވޭ ގޮތެއްގައި ނުހިނގާކަން އެމްޑީޕީގެ ހޯދުންތަކުން ވަނީ ކަށަވަރުވެފައެވެ. މީގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަކަށް ބުރޫއަރަމުންދާ ކަމުގެ ކަންބޮޑުވުން އެ ޕާޓީން ފާޅުކުރެއެވެ.
އެމްޑީޕީން އެދެނީ ހިރިމަރަދޫއަކީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލުކޮށް، އެ ރަށުގެ އިދާރީ ހިންގުން އަލުން އިއާދަކޮށް ކައުންސިލެއް އިންތިހާބު ކުރުމަށެވެ. ނަމަވެސް، އެ ގަރާރު ބާތިލު ނުކުރާނަމަ، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ހަނިމާދޫގައި 180 ހައުސިން ޔުނިޓް ބިނާކޮށް، ހިރިމަރަދޫ ރައްޔިތުން އެ ރަށަށް ބަދަލުކޮށްދިނުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތުރުން، ހަނިމާދޫގައި ގެތައް އެޅުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުމުގެ މަސައްކަތް އަދިވެސް ނިމިފައި ނުވާތީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނުނިމޭނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމްޑީޕީން ބުނެއެވެ.
ހިރިމަރަދޫ ރައްޔިތުންގެ އެދުމުގެ މަތިން އެ މީހުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ 24 އޯގަސްޓް 2025ގައި ހިރިމަރަދޫގައި ޢިއުލާން ކުރަށްވާފައެވެ. މިކަން ކުރިއަށް ގެންދިއުމަށްޓަކައި، ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ހައުސިންގ މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު އެދުވަހު އެއްބަސްވުމުގައި ވަނީ ސޮއި ވެސް ކޮށްފައެވެ.
އެއަށްފަހު ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމަށް 8 ޖެނުއަރީ 2026 ގައި ވަނީ ކަނޑައަޅުއްވާފައެވެ. މި ބަދަލާއެކު، އެންމެ ފަހުން ބޭއްވި ލޯކަލް އިންތިޚާބުގައި ހިރިމަރަދޫ ރައްޔިތުން ވޯޓުލާފައިވަނީ ހަނިމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހޮވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އެ ރަށުގެ ކައުންސިލް އުވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!