ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް މިހާތަނަށް 7482 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ސިފައިންގެ މީހަކާއި، ފުލުހަކާއި އަދި އެ ދޯނީގެ ކައްޕިއެވެ.
ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ހަނޑަސް ކިޔާ ފަޅު ރަށަކަށް ދަތުރުކުރި މި ދޯނި އަޑިއަށް ދިޔައީ 5 އޯގަސްޓް 2026 ވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އެރޭ 22:40 ހާއިރުއެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ދޯނި ސަލާމަތްކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވަނީ އެރޭ ފަތިހު 3:25 ހާއިރުއެވެ.
އެމްއެންޑީއެފުން ރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ގެއްލުނު މީހުން ހޯދުމަށް ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.
މި އޮޕަރޭޝަނުގައި ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަމުންދާއިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހުއްޓުމެއްނެތި ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ ދޯނި ބަންޑުން ޖަހާލީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުން ކަމަށާއި، އެ ސަރަހައްދުގެ ފުންމިނުގައި ގާތްގަނޑަކަށް 1,645 މީޓަރު (5,489 ފޫޓު) ހުންނާނެ ކަމަށެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ:
- އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު
- އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު
- ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫން
މިހާތަނަށް ކުރި މަސައްކަތުން ދޯނި ވެސް އަދި ގެއްލުނު ތިން މީހުންގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާއިރު، ސަލާމަތީ ބާރުތަކުން ދަނީ މި އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!