ރަޝިޔާގެ އާކްޓިކް ސަރަހައްދު ހުރަސްކޮށް ޗައިނާއާއި ހުޅަނގު ޔޫރަޕްގެ ބަނދަރުތަކާ ދެމެދު ދަތުރުކުރާ އާކްޓިކް ކަނޑުގެ ވިޔަފާރި މަގު، ނޯތަން ސީ ރޫޓް (އެން.އެސް.އާރު) ރަޝިޔާއިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
ކުރިން ކުރެވުނު ތަޖުރިބާ ދަތުރުތަކަށްފަހު، ޝެޑިއުލް ކުރެވިގެން ގަވާއިދުން ދަތުރުތައް މި މަގުން ރަސްމީކޮށް ފަށާފައިވާއިރު، އާކްޓިކް ކަނޑުގެ ދަތުރުފަތުރުތައް ކޮންޓްރޯލްކުރާ ރަޝިޔާގެ ނިއުކްލިއާ ސްޓޭޓް އެޖެންސީ "ރޮސަޓޮމް" އިން ވަނީ ޗައިނާގެ ކޮންޓޭނަރު އުފުލާ އުޅަނދުފަހަރަށް ކޮންމެ ހަފުތާއަކު ޝެޑިއުލް ދަތުރުތައް ކުރުމުގެ ހުއްދަ ދީފައެވެ. މި ދަތުރުތައް މައިގަނޑު ގޮތެއްގައި ކުރިއަށްގެންދާނީ ޗައިނާގެ ޝިޕިންގް ލައިންތައް ކަމަށްވާ ސީ ލެޖެންޑް ޝިޕިންގް ފަދަ ކުންފުނިތަކުން، ގަނޑުފެން ހުންނަ ސަރަހައްދުތަކުގައި ދަތުރުކުރެވޭ ފަދަ ޚާއްޞަ އުޅަނދުތައް ބޭނުންކޮށްގެންނެވެ.
މި އާ މަގުގެ ސަބަބުން ޗައިނާގެ މައި ބަނދަރުތައް ކަމަށްވާ ނިންގްބޯ-ޖޫޝާން، ކިންގްޑާއޯ އަދި ޝަންހާއީ، ޔޫރަޕްގެ މުހިންމު ބަނދަރުތައް ކަމަށްވާ ފީލިކްސްޓޯ (ޔޫކޭ)، ރޮޓަޑަމް، ހެމްބާގް އަދި ގްޑާންސްކްއާ ސީދާ ގޮތެއްގައި ގުޅާލެވޭނެއެވެ.
އާކްޓިކް މަގުން ކުރާ ދަތުރުތަކުގެ އެންމެ ބޮޑު ފައިދާއަކީ ދަތުރުގެ ވަގުތު ވަރަށް ބޮޑަށް ކުޑަވުމެވެ. ސުއޭޒް ކެނަލް ނުވަތަ ކޭޕް އޮފް ގުޑް ހޯޕް ހުރަސްކޮށް ކުރާ އާދައިގެ ދަތުރުތަކަށް ގާތްގަނޑަކަށް 35 އާއި 45 ދުވަސް ހޭދަވާއިރު، އާކްޓިކް މަގުން މި ދަތުރު 18 އާއި 20 ދުވަހުގެ ތެރޭގައި ނިންމާލެވެއެވެ. މިއީ އާދައިގެ މަގުތަކަށްވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަވަސް މުއްދަތެކެވެ.
މި މަގު ހުޅުވާލި ނަމަވެސް، މިއީ އަހަރުގެ ހުރިހާ ދުވަހަކު ބޭނުންކުރެވޭނެ މަގެއް ނޫނެވެ. މޫސުމީ ގޮތުން ގަނޑުފެން ހުންނަ މިންވަރަށް ބަލައި، މި މަގު ބޭނުންކުރެވެނީ ހޫނު މޫސުމާއި ހޭމަންތަ މޫސުމުގެ ކުރީކޮޅު، އެއީ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.
މީގެ އިތުރުން، އާކްޓިކް ސަރަހައްދުގައި ދަތުރުކުރުމަށް ރަޝިޔާގެ ނިއުކްލިއާ އައިސްބްރޭކަރުތަކުގެ އެހީތެރިކަން ބޭނުންވާއިރު، މިކަމަށް ބޮޑު ފީއެއް ދައްކަންޖެހެއެވެ. އަދި ތިމާވެށީގެ ގޮތުން ހުރި ނުރައްކާތަކާއި، އުޅަނދުތަކުގެ އިންޝުއަރެންސް އަގުބޮޑުވުމަކީ މި މަގު ބޭނުންކުރުމުގައި ހުރި ބައެއް ގޮންޖެހުންތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!