ހދ. ހަނިމާދޫގެ ކުޑަކުދިންގެ ޕާކްތަކާއި އާންމު މައިޒާންތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް، އެތަކެތި އިންސްޓޯލްކުރުމަށް އެރަށުގެ ކުންފުންޏެއްކަމަށްވާ މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑް އާއެކު ހަނިމާދޫ ކައުންސިލުން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމެވެ. އަދި މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިއާ އާދަމް އިބްރާހީމެވެ.

Ad
rt

ޖުމްލަ 2,774,736.00 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި ގާއިމުކުރެވިފައިވާ އަދި އަލަށް ތަރައްގީކުރާ ޕާކްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ކުޅޭނެ ރައްކާތެރި އަދި ޒަމާނީ ކުޅިވަރު ސާމާނު ސަޕްލައިކުރުމާއި، އެތަކެތި އެކަށީގެންވާ ރައްކާތެރިކަމާއެކު ޕާކްތަކުގައި އިންސްޓޯލްކުރުން ހިމެނެއެވެ.

މީގެ އިތުރުން، ޕާކްތަކުގައި އިށީންނާނެ ބެންޗާއި، އަލިކުރާނެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ކުލަ ޕާކްގައި ޓާފް އެޅުމާއި ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ އެކި ސަރަހައްދުތަކުގައި 4 ޕާކް ތަރައްގީކުރެވޭނެ ކަމަށާއި، މީގެ ތެރޭގައި ސްކޫލަށް ބޭނުންވާ ކުޅޭ ސާމާނު ހޯދުން ވެސް ހިމެނޭ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ހަނިމާދޫގެ ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރި، ރައްކާތެރި އަދި ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމެވެ.

މިއަދު ހަވާލުކުރެވުނު މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމައި، އާންމުންނަށް ބޭނުންކުރެވޭވަރު ވެގެންދާނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ.