ޤައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެފަދަ ކަންކަމާމެދު ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ މުހިންމީ ޤައުމު އިސްކުރުން ކަމަށާއި، ނަމަވެސް މިއަދުގެ ސިޔާސީ މަސްރަހުން އެ މަންޒަރު ފެންނަމުން ނުދާ ކަމަށެވެ. ބައެއް ފަރާތްތަކުން އަމިއްލަ މަސްލަހަތު އިސްކޮށް، ޤައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަރާފައިވާ ޤައުމުތަކުން ފެންނަނީ ޤައުމަށް ފައިދާހުރި ކަންކަމުގައި އެންމެން އެއްބަސްކިޔާ މަންޒަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެ އޮއިވަރުގެ ތެރެއަށް ދީލާލައިފިނަމަ މި ގެނެސްދީފައިވާ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ،" ރައީސް ވިދާޅުވެފަވެއެވެ.

ބަދަލު ހިފުމުގެ ރޫހު ނައްތާލައި، ސިޔާސީ ހަމަޖެހުން ޤާއިމުކުރުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމަށާއި، މިއަދު ރާއްޖެއަކީ އެ ހަމަޖެހުން އޮތް ޤައުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ދޮގު ވާހަކަތައް ފެތުރުން އާންމުވެފައިވާ މި ދުވަސްވަރު، ސިޔާސީ ވެރިން ދައްކަވާ ވާހަކަތަކާމެދު ޚާއްޞަކޮށް ޒުވާނުން ވިސްނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިސްރަށްވެހީންނަކީ ޒުވާނުންނަށް މާޒީގެ ކަންކަން ހަޤީޤަތާ އެއްގޮތަށް ކިޔައިދޭ ބަޔަކަށް ވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސިޔާސީ ގޮތުން އުފެދޭ ނުރަނގަޅު އޮއިވަރުތަކުގެ ތެރެއަށް ނުދިއުމަށް އިލްތިމާސްކުރަށްވާފައެވެ.