ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކު ބްރިޖް ސަރަހައްދުގައި އަންހެނަކު ހިންދޫ ދީނަށް އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އެ މައްސަލައިގައި ތުހުމަތުކުރެވޭ ނޭޕާލް އަންހެންމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 25 ވަނަ ދުވަހުއެވެ.
އެ ސަރަހައްދުގައި އަންހެނަކު ހިންދޫ ދީނަށް އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އޮގަސްޓު 4 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކުރި ގޮތުގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ 44 އަހަރުގެ އަންހެނެކެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ބެލިބެލުމުން، އެ އަންހެން މީހާއަކީ 2024 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްކަން ވަނީ އެނގިފައެވެ.
އެހެންކަމުން، އޭނާއާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!