އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ކަށުނަމާދާއި ޖަނާޒާ އަންގާރަ ދުވަހު ބާއްވައިފިއެވެ.

މި ޖަނާޒާ ބާއްވާފައިވަނީ ގައްޒާ ސިޓީގެ ސަބްރާ އަވަށުގައެވެ.

Ad
rt

ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ދިދަ އޮޅާފައިވާ މި ހަށިތައް ބާއްވާފައިވަނީ އެމީހުން ޝަހީދުވި އިމާރާތްތަކުގެ ކައިރީގައެވެ.

މި ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، މިއީ ފަލަސްތީނުގެ ތާރީޚުގައިވެސް އެއްފަހަރާ އެންމެ ގިނަ ބައެއްގެ ޖަނާޒާ ބޭއްވި އެއް ފަހަރެވެ. މި ހަށިތައް ވަޅުލުމަށް ހަމަޖެހިފައިވަނީ ޒައިތޫން އަވަށުގައި ހުންނަ ބެޕްޓިސްޓް ގަބުރުސްތާނުގައެވެ.

މި ހާދިސާގައި ޝަހީދުވެފައިވަނީ އަލް-ޙަސައިނާ އަދި އަބޫ ޝަރީއާ އާއިލާގެ މެންބަރުންނެވެ. އެމީހުން ޝަހީދުވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު އެމީހުން ދިރިއުޅެމުންދިޔަ ގެތަކަށް އިސްރާއީލު ސިފައިން ބޮން އެޅުމުގެ ސަބަބުންނެވެ. މި ހަށިތައް ކުނިތަކުގެ ދަށުން ނެރެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ސިވިލް ޑިފެންސް ޓީމުތަކުންނެވެ.

ސިވިލް ޑިފެންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަހީދުވި މީހުންގެ ތެރޭގައި 40 ކުޑަކުދިންނާއި، 38 އަންހެނުން އަދި ނުކުޅެދުންތެރިކަން ހުންނަ 7 މީހުން ހިމެނޭ ކަމަށެވެ. ސިވިލް ޑިފެންސްގެ އޮފިޝަލް މުޙައްމަދު އަބޫ ދާން ވިދާޅުވި ގޮތުގައި، އަދިވެސް 157 މީހެއްގެ ހަށިގަނޑު ކުނިތަކުގެ ދަށުން ނުފެނި އެބަހުއްޓެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު 10 އިން ފެށިގެން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ ހަމަލާތައް ކުރިއަށް ގެންދަމުންނެވެ.

ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި، ގައްޒާގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް 9,500 އެއްހާ މީހުންގެ ހަށިގަނޑު ވާނެއެވެ.