ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ މޮޓޫ ޓާކީ އާއި، ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ޕްރޮފެސަރ އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ޖައިކާ ޝޯޓް-ޓާމް އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރ ޕްރޮފެސަރ ތޯޝީރޯ ނިޝިޒާވާ ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އެ ސިޓީގެ ކައުންސިލާއެކު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ކައުންސިލަރުން ބައިވެރިވެވަޑައިގެންފައިވާއިރު، ސިޓީ ކައުންސިލުން ބުނިގޮތުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސިޓީގެ ތަރައްޤީއާއި ލޯކަލް ގަވަރނަންސް ނުވަތަ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ.

Ad
rt

މީގެ އިތުރުން ކައުންސިލްގެ ދައުރާއި މަސްއޫލިއްޔަތުތަކުގެ އިތުރުން، މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތަކާ ބެހޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްފައިވެއެވެ.

ޖައިކާގެ ޝޯޓް-ޓާމް އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރ، ޕްރޮފެސަރ ތޮޝީރޯ ނިޝިޒާވާ އާއި ޖައިކާ މޯލްޑިވްސްގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސްޓަރ މޯޓޫ ޓާކީ ކުޅުދުއްފުށީ ސިޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، އެ ސިޓީގެ މޭޔަރާއި ކައުންސިލަރުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށޯ ސިޓީ ކައުންސިލުން ބުނި ގޮތުގައި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި ހުރި ފުރުޞަތުތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަދެކެވިފައެވެ.

ޖައިކާގެ ވަފުދުން ވަނީ ސިޓީގެ ތަރައްޤީގެ އިސްކަންދޭ ކަންކަމާއި، އުމްރާނީ ވަސީލަތްތަކާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވާލައްވާފައެވެ.

މި ޒިޔާރަތުގެ ތެރެއިން ޖައިކާގެ ވަފުދުން ވަނީ ކައުންސިލްގެ ބައެއް އިމާރާތްތަކަށާއި، ރަށުގައި މިހާރު ކުރިއަށްދާ ބައެއް މުހިންމު މަޝްރޫޢުތައް ހިނގަމުންދާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް، އަމަލީ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ޖައިކާގެ ވަފުދާއެކު ކުރެވުނު މި ބިނާކުރުވަނިވި މަޝްވަރާތަކަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި ސިޓީއާއި މުޅި ސަރަޙައްދީ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ޖައިކާއާއެކު އޮންނަ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރާކަން ވެސް ކައުންސިލުން ވަނީ ބުނެފައެވެ.