ހއ. ކެލާގެ މަގުހެދުމުގެ މަޝްރޫއުގައި ކޭބަލް ހޮޅި ވަޅުލުމަށް މަގު ކޮންނަމުން ދަނިކޮށް، ހަ ފޫޓުގެ ބާ ފާރެއް ވެއްޓި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
މިއަދު ހެނދުނު ހިނގި މިހާދިސާ ގައި އަނިޔާވެފައިވަނީ، އެރަށުގެ އުމުރުން 60 އަހަރުން މަތީގެ ފިރިހެނަކަށެވެ. އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މިއަދު ހަވީރު ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެރަށުން ވާހަކަ ދެއްކި މީހާކު މަޢުލޫމާތު ދިން ގޮތުގައި، އޭނާގެ މޭގެ ކަށިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފައި ވެސް ބިނދިފައިވާ ކަމަށެވެ. ނަމަވެސް، މިކަން ކަށަވަރުވާނީ ކުޅުދުއްފުށީ ހޮސްޕިޓަލުން ހަދާ އެކްސްރޭ އާއި ޓެސްޓުތަކުގެ ނަތީޖާ ލިބުމުންނެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ކެލާ ސިއްހީ މަރުކަޒުގަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މަގުތަކުގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ ހޮޅިތައް ވަޅުލުމަށް، ފާރާ މާ ކައިރިން ކޮނުމުގެ ސަބަބުން ފާރުގެ ބިންގާ ބަލިވެގެން ވެލި ދޫވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!