ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ހޮވާލެވޭ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތައް ތަރައްޤީކުރުމަށް މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ، މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެއްކަމަށެވެ.

Ad
rt

މި އެމް.އޯ.ޔޫގައި ސޮއިކުރީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދުގައެވެ. މި އެއްބަސްވުމުގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި ގަސްގަހާގެހި އިންދައި، އެ ތަންތަން ދެމެހެއްޓެނިވި އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުލިބޭނެ ފަދަ ނިޒާމެއް ބިނާކުރުމެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ދެއްވާ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި އެއްބަސްވުމުގެ ދަށުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން 4 ލައްކަ ގަސް ސަޕްލައިކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން 10 ރަށެއްގައި 10 ނާސަރީ ތަރައްޤީކުރުމަށް މިހާރުވެސް ކައުންސިލްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިހާތަނަށް 1.8 މިލިއަން ގަސް ވަނީ އިންދިފައެވެ. އަދި އެކި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް ވައުދުވެފައިވާ އިރު، މި މަޝްރޫޢަށް ގަސް ސަޕްލައިކޮށްދިނުމަށް މިހާރުވެސް ދެ ފަރާތަކުން ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު ނިމިގެންދާއިރު، ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.