ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމުތަކަށް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ގޮތަށް ހަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރަށްވައިފިއެވެ.
މި ބޭފުޅުން ވާދަކުރައްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ގައުމީ ކޮންގްރެސްގަ އެވެ.
ޕީއެންސީގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) އާއި އަސްމާގެ ދަރިފުޅު، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހިމެނިވަޑައިގަންނަވައެވެ.
މި ބޭފުޅުންގެ ތެރެއިން މިނިސްޓަރު މުހައްމަދު ސައީދާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަކީ މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުންނެވެ.
އަންނަ މަހު ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން ހުރިހާ އިސް މަގާމުތަކަށް މީހުން އިންތިހާބު ކުރުން އޮންނާނެ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެ ޕާޓީގެ ވެރިކަމެއް އޮންނަ ހާލަތްތަކުގައި ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެފަދަ ދަނޑިވަޅެއްގައި ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންކަމުން، މި ދެ މަގާމަށް ކޮންގްރެސްގައި އިންތިހާބެއް ނޯންނާނެ އެވެ.
ޕީއެންސީގެ ޕީއެންސީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން އެ ޕާޓީގެ ނައިބު ރައީސުންގެ އަދަދަކީ ހަތެކެވެ. ޕާޓީ ވެރިކަމުގައި އޮންނަ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޕާޓީގެ ނައިބު ރައީސެއްކަމަށް ޕީއެންސީގެ އަސާސީ ގަވާއިދުގައި ބުނެފަވެއެވެ. އެހެންވެ އަންނަ ކޮންގްރެސްގައި އެޕާޓީން ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބު ކުރާނީ ހަ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!