މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް (ލޭންޑިންގ ކްރާފްޓް) ބަންޑުން ޖަހާލައި ފެތުނު ހާދިސާގައި ގެއްލުނު ދެ ބިދޭސީން ހޯދުމަށް، ކަނޑާއި ވައިގެ މަގުން 2,700 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ސިފައިން ބަލައިފިއެވެ.
ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، ގެއްލުނު މީހުން ހޯދުމަށް ހިންގާ ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން އެމްއެންޑީއެފް އެއަރ ކޯއިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން މިހާތަނަށް ކަނޑާއި ވައިގެ މަގުން ޖުމްލަ 2,747 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ފާސްކޮށްފައިވާއިރު، ކޯސްޓްގާޑުގެ ޑައިވަރުން ވަނީ އެ އުޅަނދު އަޑިއަށްދިޔަ ސީދާ ސަރަހައްދަށް ފީނައިގެން ވެސް ބަލާފައެވެ.
މި އޮޕަރޭޝަނުގައި ކަނޑުމަގުން ކޯސްޓްގާޑުގެ އައު މަނަވަރު "އިމާދުއްދީން" އާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓްތައް ބޭނުންކުރަމުންދާ ކަމަށް ސިފައިން ބުންޏެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ބިދޭސީންނެވެ.
ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި "ހޯކްސް ވޮޔޭޖާ" ނަމަކަށް ކިޔާ، ހޯކްސް ކުންފުނީގެ މި ކޮޅުވެއްޓި ބަންޑުން ޖަހާލައި އަޑިއަށް ދިޔައީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ދިޔަވަމުންދިޔަ މި އުޅަނދު ބަންޑުން ޖަހާލީ ނެގި ބޮޑު ރާޅަކާއެކުގައެވެ.
ހާދިސާ ހިނގިއިރު އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ބިދޭސީންނާއި ދެ ދިވެހިންނެވެ. އޭގެ ތެރެއިން ކަނޑުމަތިން ސަލާމަތްކުރި އަށް މީހުން ވަނީ ހަމަ އެ ދުވަހު ކ. ގާފަރަށް ގެންގޮސްފައެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ސަލާމަތް ކުރި މީހުންނަށް ކުދިކުދި އަނިޔާތައް ލިބިފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައި ވަނިކޮށެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!