ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެކުލަވާލާފައިވާ ޚާއްޞަ ވިޔަފާރީގެ އެއްބަސްވުން، ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް (އެމްޓީޕީޓީއޭ) އަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން ތުރުކީވިލާތުން ރާއްޖެއަށް އެތެރެކުރާ 75 ބާވަތެއްގެ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމަށް ނުވަތަ މާފުކުރުމަށް ވަނީ ނިންމާފައެވެ.

Ad
rt

މި އެއްބަސްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ތުރުކީވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގެ ނަތީޖާކަމަށް ސަރުކާރުން ބުނެއެވެ. ތުރުކީއަކީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވި ޤައުމުކަން ފާހަގަކޮށްލެވެއެވެ.

މި އެއްބަސްވިމަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ތުރުކީވިލާތުގެ 85 މިލިއަން މީހުންގެ ބޮޑު މާކެޓެއް ހުޅުވިގެންދާނެއެވެ. ޚާއްޞަކޮށް ދިވެހި ކަނޑުމަސް ތުރުކީވިލާތަށް ބޭރުކުރުމަށް މަގުފަހިވެ، ރާއްޖޭގެ އެކްސްޕޯޓް ސިނާޢަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ.

މި އެއްބަސްވުމުގެ ދަށުން ތުރުކީވިލާތުން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުން ޑިއުޓީގެ ލުއިތަކެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށް މަގުފަހިވެ، އިމްޕޯޓް ކުރާ މާކެޓުތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އައު އިންވެސްޓްމެންޓްތަކަށް ފުރުޞަތު ހުޅުވި، އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވާނެއެވެ.

ރާއްޖެއިން މިހާރު ވަނީ ޗައިނާއާއެކު 2018 ވަނަ އަހަރު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރުމަށްވެސް ނިންމާފައެވެ. މީގެ އިތުރުން އިންޑިއާއާއި އިނގިރޭސިވިލާތާއެކުވެސް މިފަދަ ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލުމުގެ މަޝްވަރާތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.