ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވެ، އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ނިޒާމުތައް ގާއިމުކުރެވިގެންދާނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.
މިހާރު ފަށާފައިވާ މި މަޝްރޫއުތަކަކީ އެ އަމާޒަށް ވާސިލްވުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި މަޝްރޫއަކީ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށާއި، ތެޔޮ އެތެރެކުރުމަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މީގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުވެ، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ކަރަންޓު އުފެއްދުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!