މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޙާރިޘް މުހައްމަދު އިއްޔެ އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަފްތަރު ނަންބަރު ރސ 4289، ޙާރިޘް މުޙައްމަދު އައްޔަނުކޮށްފައިވަނީ 28 ޖުލައި 2024 ގައެވެ.
އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒު މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
ޙާރިޘް މުހައްމަދަކީ މީގެ ކުރިން ދައުލަތުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުކަން އޭނާ ވަނީ ކުރައްވާފައެވެ. އަދި އޭނާ އެންމެފަހުން ހުންނެވީ ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، ހާރިސް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.
އެމްޓީޑީސީގެ ޗެއާމަނަކީ އަބުދުﷲ ފާއިޒް އެވެ. އެ ކުންފުނީގެ ބޯޑް މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ހުސައިން ހަނީފް، އަސަމީ ރުޝްދީ، އިބްރާހިމް ބައްސާމް ސައީދު، އައިމިނަތު އަޒްލިފާ، މިއްނާ ރަޝީދު، އައިޝަތު ލީޒާ އަދި އިބްރާހިމް ލަތީފެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!