ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ، ހޯރަފުށީ ކައުންސިލް އިދާރާއަށް ޑަސްބިންތަކެއް ހަދިޔާކުރައްވައިފިއެވެ.
މި ތަކެތި ހަދިޔާކުރައްވާފައިވަނީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
"ހޯރަފުށީގައި ސާފުތާހިރު ވެއްޓެއް ޤާއިމުކުރެއްވުމަށް ރަށު ކައުންސިލުން ކުރައްވާ މަސައްކަތަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި އަޅުގަނޑު ވާނީ ޑަސްބިން ހަދިޔާކޮށްދީފައި،"މިކަމާ ގުޅޭގޮތުން މެންބަރު ޢަލީ މޫސާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަވެއެވެ.
މިއީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ދެވުނު އެހީތެރިކަމެއްކަން މެންބަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މެންބަރު ޢަލީ މޫސާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރަށުގެ އެހެނިހެން މުހިންމު މުއައްސަސާތަކަށްވެސް މިފަދަ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
"އިންޝާﷲ ރަށުގެ މުހިންމު އެހެން މުއައްސަސާތަކަށްވެސް ޑަސްބިން ހަދިޔާކޮށްދޭނަން،" މެންބަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ޢަލީ މޫސާގެ މި އެހީތެރިކަމާއެކު ހޯރަފުށީގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން ކުރާ މަސައްކަތަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!