ކުރީގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރި ގޮތް ބަލަން އުޅުނު ބޭރުގެ ގައުމުތަކާ ގުޅޭ މައުލޫމާތު ހާމަކުރަން އެންގި އެންގުމާ ދެކޮޅަށް އޭރުގެ ސަރުކާރުން ހައި ކޯޓަށް ހުށަހެޅި މައްސަލަ މި ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.
ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރި ގޮތް ބަލަން ބޭރުގެ ގައުމުތަކުގެ ވެރިން ރާއްޖޭގެ ކިބައިން އެދުނު ކަމަށް 2023 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި އޭރުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އެ ގައުމުތަކުގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު 2023 ވަނަ އަހަރު އެންގުމުން އެކަމާ ދެކޮޅަށް އޭރުގެ ސަރުކާރުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ އެ މައްސަލަ އަނބުރާ ގެންދަން ނިންމުމުން ހައި ކޯޓުން މިއަދު ވަނީ އެ މައްސަލަ ބާތިލްކޮށްފަ އެވެ.
އެ މައުލޫމާތު ހާމަކުރަން އޭރުގެ ސަރުކާރުން އޭރު ދެކޮޅު ހެދީ އެއީ ދޭދޭ ގައުމުތަކާ ދެމެދު އޮންނަ ގުޅުން ގޯސްވެދާނެތީ ކަމަށް ބުނެ އެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އެންގެވީ އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ މި ސަރުކާރުން އަނބުރާ ގެންދިޔައިރު, ކުރީގެ ސަރުކާރުން އެގޮތަށް ހުށަހަޅާފައި ހުރި ގިނަ މައްސަލަތަކެއް މި ސަރުކާރުން ވަނީ އަނބުރާ ގެންގޮސް, އެ މައުލޫމާތުތައް ހާމަކުރަން ނިންމައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!