ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ކުންފުނިތަކަށް އަންގާފައިވާ އެންގުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ތަންފީޒު ކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެ ކުންފުނިތަކަށް އަންގައިފިއެވެ.
ޕީސީބީން އެންމެ ފަހުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް މީގެ ކުރިން ދީފައިވާ އިރުޝާދާ އެއްގޮތަށް، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމަން ޖެހޭނެ ކަމަށެވެ.
މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ޕީސީބީއަށް ދީފައިވާ ހާއްސަ އިރުޝާދުތަކުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.
ފިނޭންސްގެ އިރުޝާދާއެކު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރަން ޕީސީބީން އެންމެ ފުރަތަމަ އެންގީ ވެސް މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. މި އެންގުމާ ގުޅިގެން ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ މުވައްޒަފުން މަދުކުރުމަށް އެކި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން، އެޗްޑީސީ އާއި ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާ އެކު ވަކިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ޕީސީބީން ބުނި ގޮތުގައި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ވިޔަފާރި އުސޫލުން ހިންގާ ދައުލަތުގެ ހުރިހާ ތަންތަނަކުން ވެސް މި އެންގުމަށް އަމަލުކުރުން ގާނޫނުން ލާޒިމުވާނެއެވެ.
މި ފިޔަވަޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގާ ތަންތަނަށް ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!