ޔުނެސްކޯގެ އައި.އޯ.ސީ އިން ކަނޑައަޅާފައިވާ "ސުނާމީ ރެޑީ" ސެޓިފިކޭޝަން ހާސިލުކުރާ ރާއްޖޭގެ ފުރަތަމަ މުޖުތަމައަށް ވުމަށް ކުޅުދުއްފުށި ސިޓީން ކުރަމުންދާ މަސައްކަތުގެ ދަށުން، ތައްޔާރުވުމުގެ މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

މިގޮތުން އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ސުނާމީ އިވެކުއޭޝަން އެސެމްބްލީ ޕޮއިންޓް ނުވަތަ ރައްކާތެރިކަމުގެ ސަރަހައްދުތައް އަންގައިދޭ ޗާޓުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

Ad
rt

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ކުޅުދުއްފުށީގައި ކަނޑައެޅިފައިވާ އެސެމްބްލީ ޕޮއިންޓްތަކުގެ ތެރޭގައި މިސްކިތްތަކާއި، ސްކޫލްތަކާއި، އެއާޕޯޓުގެ އިތުރުން އާންމު ހިދުމަތްދޭ އެކި ބިނާތައް ހިމެނެއެވެ. މި ތަންތަނަކީ ކުއްލި ހާލަތްތަކުގައި ރައްކާތެރިވުމަށާއި ވަގުތީ ހިޔާވަހިކަން ހޯދުމަށް ބޭނުންކުރެވޭނެ ސަރަހައްދުތަކެވެ.

މީގެ އިތުރުން، ސުނާމީއެއް ފަދަ އައްސޭރިފަށުގެ ނުރައްކާތެރި ހާދިސާއެއް ދިމާވާ ވަގުތުތަކުގައި، މިސްކިތްތަކުގެ ލައުޑްސްޕީކަރުތައް މެދުވެރިކޮށް އިންޒާރުގެ މެސެޖުތަކާއި ކުއްލި މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ވެސް ވަނީ ރޭވިފައެވެ. މީގެ ސަބަބުން މުޖުތަމައުގެ ރައްޔިތުންނަށް އަވަސްކަމާއެކު ރައްކާތެރި ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ "ހޭލުންތެރިކަން އިތުރުކުރުމާއި، ތައްޔާރުވުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މުޖުތަމައެއް ބިނާކުރުން" ކަމަށް އެންޑީއެމްއޭ އިން ފާހަގަކުރެއެވެ.

މި މަސައްކަތާއެކު ކުޅުދުއްފުށި ސިޓީ ވެގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ކާރިސާތަކަށް ތައްޔާރުވެފައިވާ ނަމޫނާ ސިޓީއަކަށެވެ.