ހއ. ދިއްދޫގައި 7،000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް އެރަށު ކުރިމަގު ޖަމިއްޔާއިން އިސްވެ ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފަހުގެ ތައްޔާރީތައް ކުރިއަށް އެބަދެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މި ބޮޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، ދިވެހިރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެންނެވެ.

Ad
rt

މި ހަރަކާތަކީ ކުރިމަގު ޖަމިއްޔާ އާއި މޫސުމީ ބަދަލްތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ހއ. ދިއްދޫ ކައުންސިލާއި އަދި ދިއްދޫގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި މަސައްކަތުގެ ތެރެއިން މިހާތަނަށް 500 ގަސް ބަރުކޮށް ފޮނުވުމަށް ތައްޔާރުކުރެވިފައިވާއިރު، 1،000 އަށްވުރެ ގިނަ ގަސް މިހާރު ވަނީ ދިއްދޫ އަށް ގެންގޮސްފައެވެ. އަދި އިތުރު 1،500 ގަސް ވަރަށް އަވަހަށް ބަރުކޮށް ފޮނުވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ކުރިމަގު ޖަމިއްޔާއިން ބުނެއެވެ.

މި ހަރަކާތް އިންތިޒާމް ކުރުމާ ގުޅޭގޮތުން ކުރިމަގު ޖަމިއްޔާއިން ވަނީ ދިއްދޫގެ އެކި އިދާރާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި އެލްޖީއޭ ހއ. އަތޮޅު ގޮފި، ހއ. އަތޮޅު ހޮސްޕިޓަލް، ވެމްކޯ ދިއްދޫ ގޮފި، ދިއްދޫ ކައުންސިލް، ފެނަކަ ދިއްދޫ ގޮފި އަދި ދިއްދޫ ޕޮލިސް ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ހުރިހާ އިދާރާތަކަކުންވެސް ވަނީ ދިއްދޫ ފެހިކުރުމުގެ މި ހަރަކާތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ.

މީގެ އިތުރުން، މި މަޝްރޫޢާ ގުޅޭގޮތުން މޫސުމީ ބަދަލްތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާ އެކުވެސް ކުރިމަގު ޖަމިއްޔާއިން ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ހއ. ދިއްދޫއަކީ ފެހި، ފިނި އަދި ހިތްގައިމު ރަށަކަށް ހެދުމެވެ.