ހއ. ބާރަށުގެ މަގުތަކާއި ގޯޅިތަކަށް އުނދަގޫވާ ގޮތަށް ހުރި ތަކެތި ނަގައި، މަގުތައް ސާފުކުރުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ.

ބާރަށު ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެ ރަށުން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި، އެ ގޯތިތައް ހިމެނޭ މަގުތަކާއި ގޯޅިތަކަށް އުނދަގޫވާ ގޮތަށް ހުރި ތަކެތި ނެގުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

މީގެ ތެރޭގައި މަގުތަކުގައި ޖަހާފައިވާ މަގުބައްތިތަކާއި، އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، މަގުމަތިން ހިނގާބިގާވެ އުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް ހުރި ވެލިފުނިތަކާއި، އެޅިގަލާއި، ރުއްލަކުޑި އަދި އެކި ބާވަތްތަކުގެ ތަކެތި ހިމެނެއެވެ.

ކައުންސިލުން ކަނޑައަޅާފައިވާ މުއްދަތަކީ 13 ޖުލައި 2026 އިން ފެށިގެން 30 ޖުލައި 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މަގުތަކަށް އުނދަގޫވާ ގޮތަށް ހުރި ގަސްގަހުގެ ގޮފިތަކާއި އެހެނިހެން ތަކެތި ނަގައި ސާފުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ބާރަށު ކައުންސިލުން އިތުރަށް ބުނެފައިވަނީ، ކަނޑައެޅިފައިވާ މުއްދަތުގައި އެ ތަކެތި ނަގައި ސާފުނުކޮށްފިނަމަ، ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެ އިދާރާއިން އެ ތަކެތި ނަގައި މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިގޮތަށް ކައުންސިލުން މަސައްކަތް ކުރާއިރު، އެ ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް އެ އިދާރާއިން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ވަނީ ހާމަކޮށްފައެވެ.

މި ނިންމުމަކީ ރަށުގެ މަގުތަކަކީ އެންމެނަށް އަމާން އަދި ފަސޭހަ ތަނަކަށް ހެދުމުގެ މަޤްޞަދުގައި ނިންމާފައިވާ ނިންމުމެއް ކަމަށް ބާރަށު ކައުންސިލުން ފާހަގަކޮށްފަވެއެވެ.