މާލޭ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި މައްސަލައަކީ 15 މާރިޗު 2026 ދުވަހުގެ ރޭގަނޑު 21:02 އެހައިކަށްހައިއިރު، ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި، އޭގައި ހުރި 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށް ނެގި މައްސަލައެކެވެ.

Ad
rt

މި މައްސަލާގައި ދަޢުވާ އުފުލާފައިވަނީ 25 ޖޫން 2026 ގައެވެ.
މި މައްސަލާގައި ދަޢުވާލިބޭ 5 މީހުންނަކީ:

އަޙްމަދު ފާރިސް، މ. އޭސިޔާ
ޖަޒީލު މުޙައްމަދު، ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް
މުޙައްމަދު އަފްރާޙް، ސ. މީދޫ، މޫންލައިޓްވިލާ
އިސްމާޢީލް ޢާޞިފް، ރ. މަޑުއްވަރި، ދާރުލް އައްވަލް
މުޙައްމަދު ނޫރު އަޙްމަދު، ޅ. ނައިފަރު، ކަސްތޫރިމާގެ

4 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން، ފޮޓޯ: ޕޮލިސ

މި ފަސް މީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދަޢުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.

ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަންކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު މީހާ، ފޮޓޯ: ޕޮލިސް

މީގެ އިތުރުން، އަޙްމަދު ފާރިސް، ޖަޒީލު މުޙައްމަދު އަދި މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށް އިތުރު ދެ ދަޢުވާއެއް ވަނީ އުފުލާފައެވެ. އެއީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާއެވެ. މި ދެ ދަޢުވާ އުފުލާފައިވަނީ އެޕާޓްމަންޓްގެ ވެރިފަރާތުގެ ހުއްދަނެތި އެތަނަށް ވަދެ، ކޮޓަރިތަކުގެ ދޮރުތަކަށާއި ތިޖޫރީތަކަށް ގެއްލުން ދީފައިވާތީއެވެ. މި ކޮންމެ ކުށެއްގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށްވެސް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

މިއީ ފަހަކަށް އައިސް މާލޭގައި ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ.