ވިލިމާލޭގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭ ކަނދޮޅުމާގޯޅި ތެރޭގައެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 10 ވަނަ ދުވަހުގެ މެންދުރުފަހު 15:12 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށްވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 18 އަހަރު، 22 އަހަރު، 27 އަހަރު އަދި 31 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނެވެ. މި މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!