ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޕެންޝަން އޮފީސް ގުޅިގެން، އެ ސިޓީގެ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރި "އިސްރަށްވެހިންގެ ޕާކު" ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މި ޕާކު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އަތިފާއި، ސިޓީ ކައުންސިލްގެ މެންބަރުންނާއި، ޕެންޝަން އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

Ad
rt

މި ޕާކު ހުޅުވިގެން ދިޔުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ހިތްފަސޭހަ، އުފާވެރި މާޙައުލެއް ގާއިމުކޮށްދިނުމަކީ ސިޓީ ކައުންސިލްގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މުހިންމު އަމާޒެއްކަމަށެވެ. މިގޮތުން މިއަދު ހުޅުވުނު ޕާކަކީ މުޅި ރަށް ފަޚުރުވެރިވާ އިސްރަށްވެހިންގެ މަޝްވަރާއާއި ޚިޔާލާ އެކު، އެބޭފުޅުން ބޭނުންވާ ފަދަ މުހިންމު ބައިތަކެއް ހިމަނައިގެން ތަރައްޤީކޮށްފައިވާ ތަނެއްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ޕާކު ހުޅުވުމަށްފަހު މޭޔަރު އާތިފް ބައެއް އިސްރަށްވެހިންނާ ސަލާމްކޮށްލައްވަނީ، ފޮޓޯ: ސިޓީ ކައުންސިލް

އިސްރަށްވެހިންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ވާހަކަދައްކާލައި ހިތްހަމަޖައްސާލުމަށްޓަކައި މި ޕާކުގައި ހޮޅުއައްޓަކާއި، އުދޯލިގެއެއްގެ އިތުރުން އިށީނދެލައިގެން ތިބެވޭނެ ބެންޗާއި ގޮނޑިމޭޒު ވަނީ ބަހައްޓާފައެވެ. އަދި ޕާކު ބޭނުންކުރާ ފަރާތްތަކަށް ހިލޭ ބޯފެން ލިބޭނެ އިންތިޒާމާއި، ސްޓޯރޫމަކާއި، ފާޚާނާ ބްލޮކެއްގެ އިތުރުން ފުޑް ކިއޯސްކެއްވެސް މި ތަނުގައި ގާއިމުކޮށްފައިވެއެވެ.

މުޖުތަމަޢުގެ ބިންގަލަކީ އިސްރަށްވެހިން ކަމަށްވާއިރު، މިއަދު މި ފެންނަ ތަރައްޤީގެ އަސްލަކީ އެބޭފުޅުން ޤައުމަށްޓަކައި ކޮށްދެއްވި އަގުނުކުރެވޭ ފަދަ ޚިދުމަތްތައްކަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި އެބޭފުޅުންގެ ތަޖުރިބާއަކީ މިއަދުގެ ޖީލަށް އޮތް އެންމެ ބޮޑު ރައުސްމާލުކަން އެ ކައުންސިލުން ފާހަގަކޮށްފަވެއެވެ. އެހެންކަމުން، ކުޅުދުއްފުށީގެ ތާރީޚުގައި އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން މިފަދަ ޕާކެއް ހުޅުވިގެންދިއުމަކީ އެބޭފުޅުންނަށް މުޖުތަމަޢުއިން ދޭ ގަދަރާއި އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކުޅުދުއްފުށީ އިސްރަށްވެހިންގެ ޕާކުގައި ބައެއް އިސްރަށްވެހިން، ފޮޓޯ: ސިޓީ ކައުންސިލް

މި މަޝްރޫޢަކީ ޕެންޝަން އޮފީހާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ ބޮޑު މަސައްކަތެކެވެ. މިގޮތުން ޕެންޝަން އޮފީހުގެ ފަރާތުން 1,000,000 (އެއް މިލިއަން) ރުފިޔާ މި މަސައްކަތަށް ޚަރަދުކޮށްފައިވާއިރު، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަޖެޓުން 290,612.70 (ދެލައްކަ ނުވަދިހަ ހާސް ހަސަތޭކަ ބާރަ ރުފިޔާ ހަތްދިހަ ލާރި) ޚަރަދުކޮށްފައިވެއެވެ.

މިއީ ކުޅުދުއްފުށީގައި އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ހުޅުވުނު ފުރަތަމަ ޕާކެވެ. ނަމަވެސް ސިޓީ ކައުންސިލުން އެ ސިޓީގައި އިތުރު ޕާކުތަކާއި ބީޗުތައް ތަރައްގީކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.