ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކެތްލެބް ޤާއިމްކުރުމަށްޓަކައި އެ ހޮސްޕިޓަލާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސީއީއޯ ޙަލީމް ވިދާޅުވީ، ކުޅުދުއްފުށީގައި ކެތްލެބް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ ހަމަޖެހުމާއެކު، ރާއްޖޭގެ އުތުރުގައި ވެސް ކާޑިއެކް އިންޓަވެންޝަންތައް ނުވަތަ ހިތުގެ ބަލިތަކަށް ދެވޭ ޚާއްޞަ ފަރުވާތައް ފަށައިދޭނެ ކަމަށެވެ.
މީގެ އިތުރުން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކުރި ކެތްލެބުގެ ޚިދުމަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫގައި މިހާތަނަށް 38 އެންޖިއޯގްރާމް އާއި 20 އެންޖިއޯ ޕްލާސްޓީގެ އިތުރުން ހިތުގެ މުހިންމު އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށްޓަކައި އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ވަނީ 11 މާރިޗް 2926 ގައި ހަވާލުކޮށްފައެވެ. ދެ ފޭސް އަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދެވަނަ ފޭސްގެ ދަށުން އަލަށް އިމާރާތްކުރާ ބައި ނިމުމުން، މިހާރު ހުރި ޖާގައިގެ ދަތިކަން އެއްކޮށް ހައްލުވެ، ކެތްލެބް ފަދަ އައު ޚިދުމަތްތައް ފެށިގެންދާނެ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީ ވަނީ މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފައެވެ.
ނާޒިމާ ވިދާޅުވި ގޮތުގައި، އައު އިމާރާތާއެކު ލެބޯޓަރީ، އެކްސްރޭ ޑިޕާޓްމަންޓް، ސައިކިއޭޓްރިކް ވޯޑް އަދި އައިސޮލޭޝަން ވޯޑް ފަދަ މުހިންމު ވަސީލަތްތައް ޤާއިމުވެގެންދާނެއެވެ.
"މި އިމާރާތަށް ބަދަލުވުމަށްފަހު މިހާރު ހުރި ޖާގައިގެ ހުރިހާ ދަތިކަމަށް ހައްލު ލިބިގެންދާނެ،" ނާޒިމާ ވިދާޅުވިއެވެ. މި ތަރައްޤީއާއެކު ބަލިމީހުން އިތުރު ފަރުވާއަށް މާލެ ފޮނުވަންޖެހޭ ޖެހުމަށް ބޮޑު ހައްލެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ކެތްލެބް އަކީ ހިތުގެ ބަލިތައް ދެނެގަނެ، އެންޖިއޮގްރާމް ހެދުމާއި، ބްލޮކްވެފައިވާ ނާރުތައް ހުޅުވުމަށް ސްޓެންޓް ލެއްވުމާއި، ޕޭސްމޭކަރު ލެއްވުން ފަދަ ހިތުގެ ޚާއްސަ ފަރުވާތައް ދިނުމަށް ޚާއްސަ ތަނެކެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ތިލަދުންމަތީގެ ތިން އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުންދާ މައި ހޮސްޕިޓަލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!