ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް(ކޭއާރުއެޗް) ތަރައްގީކުރުމުގެ ފޭސް ދެއެއްގައި ހިމެނޭ އިމާރާތް ނިމުމުން ޖާގައިގެ ދަތިކަން އެއްކޮށް ހައްލުވެ، މިހާރު ނުލިބޭ ޚިދުމަތްތައް ގާއިމުކުރެވިގެންދާނެކަމަށް އެ ހޮސްޕިޓަލްގެ ޗީފް އެގްޒެޓިވް އޮފިސަރ ނާޒިމާ އަލީ ވިދާޅުވެއްޖެއެވެ.

ސީއީއޯ ނާޒިމާ މިކަން ހާމަކުރެއްވީ، ކޭއާރުއެޗުން މިހާރު ދެމުންދާ ޚިދުމަތްތަކާއި ފާއިތުވެ ދެ އަހަރު ދެވުނު ޚިދުމަތަކާއި ގުޅޭ ގޮތުން ދެއްވި ޚުލާސާ މެސެޖެއްގައެވެ.

Ad
rt

އެ މެސެޖުގައި ނާޒިމާ ވަނީ، ކޭއާރުއެޗު ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށްޓަކައި ދެ ފޭސް އަކަށް ބަހާލައިގެން މަސައްކަތްތައް ކުރެވެމުން އަންނަކަން ފާހަގަކުރަށްވާފައެވެ.

''އޭގެ ތެރޭގައި ފޭސްވަންގައި ހިމެނޭ ކަންކަން މިހާރު އަނެއްހެން ދަންނަވާނަމަ އޯލްމޯސްޓް މިހިރީ ފުރިހަމަކުރެވިފައި، އެއީ ތިން ސަބްސްޕެސެލިޓީއާއި އީއާރު އެކްޓެންޝަންގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ފެށިގެން ކުރިއަށް މި ދަނީ،'' ނާޒިމާ ވިދާޅުވިއެވެ.

ނާޒިމާ ވިދާޅުވީ، އެ މަސައްކަތުގެ ދަށުން ފޭސް ދެއެއްގައި ހިމެނޭ އިމާރާތްތަކުގެ ޑިޒައިނިން މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި އަންނަ ފެބްރުއަރީ ނިމެންވާއިރަށް އެތަނުގެ އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް ވެސް ނާޒިމާ ވިދާޅުވިއެވެ.

''މި އިމާރާތަށް ބަދަލުވުމަށްފަހު މިހާރު ހުރި ޖާގައިގެ ހުރިހާ ދަތިކަމަށް ހައްލު ލިބިގެންދާނެ، ލެބޯޓަރީގައި ހުރި ކަންތައްތަކާއި، އެކްސްރޭ ޑިމާޓްމަންޓް، ސައިޓިކް ވޯޑަކާއި، އައިސޮލޭޝަން ވޯޑަކާއި މިހެންގޮސް ކޭއާރުއެޗުން މިހާރު ނުލިބޭ ހުރިހާ ޚިދުމަތްތަކެއް އިރާދަކުރެއްވިއްޔާ އާއިމާރާތާއެއްކޮށް ފުރިހަމަވެގެންދާނެ،'' ނާޒިމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ އިމާރާތާއެކު އިތުރު ފަރުވާއަށް މީހުން މާލެ ފޮނުވާލަން މިހާރު ޖެހޭޖެހުމަށް ވެސް ވަރަށް ބޮޑު ހައްލު ލިބިގެންދާނެކަމަށެވެ.

''ހަމައެޔާއެކު ފާހަގަކުރާ އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި ފާހަގަކުރާކަމަކީ އިތުރުފަރުވާއަށް ބަލިމީހުން މާލެ ފޮނުވަން މި ޖެހޭ ޖެހުން ޖެހޭޖެހުން، އެކަމަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ، އެއީ ކޮންމެގޮތެއް ވިޔަސް މިހާރު ހިތުގެ ބަލީގެ ޑޮކްޓަރެއް ހުރުމާއެކު ކެތް ލެބެއްގެ ޚިދުމަތް އާ އިމާރާތް ލިބުމާއެކު ފެށިގެންދާނެ،'' ނާޒިމާ ވިދާޅުވިއެވެ.

ނާޒިމާ ވަނީ ކޭއާރުއެޗުގައި މިހާރު މަސައްކަތްކުރަށްވަމުން ގެންދަވާ ވަރަށް ގިނަ ޑޮކްޓަރުން ޚާއްޞަ ދާއިރާތަކަށް ޚާއްޞަވުމަށް ކިޔަވަން މިހާރު ރާއްޖޭއިން ބޭރުގައި ތިބިކަން ފާހަގަކުރަށްވާފައެވެ. އަދި އެ ޑޮކްޓަރުން އެނބުރި ޚިދުމަތަށް ވަޑައިގަންނަވަންވާއިރަށް، ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ފުރިހަމަކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.

''އަޅުގަނޑުމެންގެ ވަރަށް ގިނަ ޑޮކްޓަރުން ވެއްޖެ ސަބްސްޕެލިޓީ ހެއްދެވުމަށް ބޭރަށް ވަޑައިގަންނަވާފަ، އެ ބޭފުޅުން ނިމިގެން ވަޑައިގަންނަވަންވާއިރަށް އެ ބޭފުޅުންގެ މަސައްކަތުގެ މާހައުލަށް ބޭނުންވާނެ ތަން ތައްޔާރުކުރުމާއި، ވޯޑުތަކާއި އެ ސެޓަޕް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ'' ނާޒިމާ ވިދާޅުވިއެވެ.

ކިޑްނީ ބަލިތަކާއި ފުއްޕާމޭ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް މި މިމަހު ކޭއާރުއެޗުގައި ފަށަނީ

''އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ކޭއާރުއެޗަށް ޚިދުމަތް ހޯދުމަށް ވަޑައިގަންނަވާ ތިން އަތޮޅުގެ ރައްޔިތުންނަށް އިންޝާއަﷲ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ވަރަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެކަމަށް'' ނާޒިމާ ވިދާޅުވެފަވެއެވެ.

ނާޒިމާ ވަނީ ކޭއާރުއެޗުގެ ދަށުން ހދ.އަތޮޅުގެ 12 ސިއްހީ މަރުކަޒެއް ހިންގަމުން އަންނަކަން ވެސް ފާހަގަކުރަށްވާފައެވެ. އެއިގެ ތެރެއިން ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަން އަދި މަކުނުދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް ޑޮކްޓަރުން އިތުރުކޮށް، އެހެން ޓެކްނިކަލް ސްޓާފުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށާއި، އެހެން ރަށްތަކުގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާކަންކަން ވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމްގެ ފުރިހަމަ އެއްބާރުލުން މިކަންކަމަށް ލިބިގެންދާކަމަށް ވެސް ނާޒިމާ ވިދާޅުވިއެވެ. ނާޒިމާ ވިދާޅުވީ، މި މަސައްކަތާއިއެކު އެރަށްތަކުގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެއެވެ.