މާލޭގެ ގ. ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކުރި މީހުންނަށް އައިޖީއެމްއެޗް ހޮސްޕިޓަލާއި، އޭޑީކޭ ހޮސްޕިޓަލްގައިވެސް ފަރުވާދެމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށާއި، އެމްއެންޑީއެފަށް ވެސް ރިޕޯޓްކޮށްފައި ވަނީ 22:49 އެހައިކަންހާއިރު އެވެ.

Ad
rt

މި ރިޕޯޓާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ވަނީ އެތަނަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތާއި މީހުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ މަސައްކަތް ފަށާފައެވެ.

މި ހާދިސާގައި ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާކަމަށް ފުލުހުން ބުނީ މިރޭ 23:49 ހާއިރުއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ފަރުވާ ދިނުމަށް ޖުމްލަ 18 މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އަދި ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

"މި ހާދިސާ އާ ގުޅިގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ދަނީ ކުރަމުން" ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ދަނީ މި ހާދިސާއާއި ގުޅިގެން ޖުމްލަ 58 މީހަކަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެއީ 30 އަންހެނުންނާއި، 24 ފިރިހެނުން އަދި ކުޑަ ހަތަރު ކުދިންކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު، މި ހާދިސާގައި ލިބުނު ގެއްލުމުގެ ބޮޑުމިނެއް އަދި ސާފެއްނުވެއެވެ.