މާލެ އާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށްފަހުގައެވެ.

Ad
rt

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މުޅިންވެސް ދިވެހި ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ ދެ މީހުންނާއި، 23 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި، 34 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެކެވެ.

2026 ޖުލައި 2 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، ތުހުމަތު ކުރެވޭ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ހަތަރު މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ބާކީ ތިބި ދެ މީހުން ކޯޓުން ވަނީ ވަކި ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މާލެ ސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން ގެންދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.