ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ މަގާމު ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ކަނޑައަޅައިފިއެވެ.

އެލްޖީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޝުޖާއު އަލީ މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވުމަށްފަހު، ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި 19 މޭ 2024 ގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

Ad
rt

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ކައުންސިލް މެންބަރުކަމުގެ މަގާމު ގެއްލޭނެއެވެ.

އެ މާއްދާ އަށް ރިޢާޔަތްކޮށް އެލްޖީއޭ އިން ބުނީ ޝުޖާއު އަލީގެ މަގާމު ހުސްވެއްޖެކަމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާކަމަށެވެ.

އެލްޖީއޭ އިން މިގޮތަށް ކަނޑައަޅާފައިވަނީ 30 ޖޫން 2024 ގައި ބޭއްވި އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައެވެ. އަދި އެ މަގާމު ހުސްވެއްޖެކަން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.