މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕާ ގުޅުވައިގެން މޯލްޑިވްސް ޕޯސްޓް އޮފީހުގެ އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް) ގެ ހިދުމަތުން %26ގެ ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މޯލްޑިވްސް ޕޯސްޓުން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވާ ކޮންމެ ޝިޕްމަންޓަކުން މި ޑިސްކައުންޓް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އީއެމްއެސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕެކޭޖްތައް ޑެލިވަރ ކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތް މެދުވެރިކޮށް ދުނިޔޭގެ 177 ގައުމަކަށް ތަކެތި ފޮނުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދެއެވެ.
އީއެމްއެސްގެ ހިދުމަތް މޯލްޑިވްސް ޕޯސްޓްގެ ހުރިހާ އައުޓްލެޓްތަކަކުން ލިބެން ހުންނާނެއެވެ. އަދި ތަކެތި ފޮނުވުމަށް ހިނގާނެ ހަރަދު ބަލައިލުމަށް ޕޯސްޓްގެ ވެބްސައިޓުގައިވާ "ޕޯސްޓޭޖް ކަލްކިއުލޭޓަރ" ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޑިސްކައުންޓް ޕްރޮމޯޝަންގެ އިތުރުން، ވޯލްޑްކަޕް މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މޯލްޑިވްސް ޕޯސްޓްގެ ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށްގެންދާ މި "ސްކޯ ޕްރިޑިކްޝަން" ހަރަކާތުގައި ބައިވެރިވެވޭނީ ކޮންމެ މެޗެއްގެ ދެވަނަ ހާފް ފެށުމުގެ ކުރިން އެ މެޗަކަށް ހާއްސަ ޕޯސްޓުގައި ކޮމެންޓް ކޮށްގެންނެވެ.
މި މުބާރާތުން އެންމެ ގިނަ ސްކޯ ދިމާކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސްޓޭޖް އެކެއްގެ ނަސީބުވެރިއަކަށް ޕޯޗުގަލް ޖާޒީއެއް، ދެވަނަ ސްޓޭޖްގެ ނަސީބުވެރިއަކަށް ފްރާންސް ޖާޒީއެއް އަދި މުޅި އިވެންޓުން އެންމެ ގިނަ ސްކޯ ދިމާކުރާ ފަރާތަކަށް ފީފާ ވޯލްކަޕް ހިސްޓްރީ ބޯލްސެޓަކާއި 20 ކިލޯގެ އީއެމްއެސް ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!